ޚަބަރު

ޑރ. ޖަމީލުގެ އިންޒާރެއް ރައީސް ނަޝީދަށް: މާދަމާވެސް ކޮމިޝަން ހެދޭނެ!

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވާތީ އެމަނިކުފާނަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އިންޒާރު ދެއްވައިފިއެވެ.

ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމް ދީނާއި ގައުމަށްވުރެ އެއްވެސް މީހަކު ބޮޑު ނުވާނެ ކަމަށާއި އެމްޑީޕީގެ ނަމުގައި ރައީސް ނަޝީދަށް ވެސް ދީނަށް މަލާމާތްކުރުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

އަދި މިއަދު ކޮމިޝަން ހެދިފައިވާ ގޮތަށް މާދަމާ ވެސް ކޮމިޝަން ހެދޭނެ ކަމަށް ވިދާޅުވެ ޑރ. ޖަމީލު ވަނީ މަލާމާތްކުރެއްވިޔަސް ދީނާ ކުޅެން މިފަސްގަނޑުން ފުރުސަތު ނުލިބޭނެ ކަމަށެވެ.

މާދަމާ ވެސް ކޮމިޝަން ހެދޭނެ ކަމަށް ޑރ. ޖަމީލު ވިދާޅުވިއިރު، އެކިއެކި މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ އެކި ކޮމިޝަންތައް ހައްދަވައިފައެވެ. އެގޮތުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނާއި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އުފައްދަވާފައިވާ ކޮމިޝަން ހިމެނެއެވެ.

އެމްޑީއެންގެ ރިޕޯޓް ދިފާއުކުރައްވާ ކަމަށް ބުނެ ރައީސް ނަޝީދަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެކަން ހުއްޓުވައި ދެއްވާ ގާނޫނީ ގޮތުން ނަޝީދަށް އަދަބު ދިނުމަށް އެދި ޖަމިއްޔަތުއް ސަލަފުން ވަނީ އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅައިފައެވެ.

އެމްޑީއެންގެ ރިޕޯޓަށް ފަހު، ތަފާތު އެކި ރަސްމިއްޔާތުތަކުގައި ރިޕޯޓާއި ހައްދުފަހަނައަޅާ ދިއުމާ ގުޅޭގޮތުން ނަޝީދު ގެންދަވަނީ ތަފާތު ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ.

އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ހަފްލާއެއްގައި ނަޝީދުވަނީ އެމްޑީއެން އާއި އެ ޖަމިއްޔާގެ ރިޕޯޓް ދިފާއު ކުރައްވައިފައެވެ. އެ ހަފްލާގައި ނަޝީދު ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓް ވިދާޅުވި ކަމަށާއި ނަމަވެސް އެ ރިޕޯޓުގެ މަގްސަދަކީ އިސްލާމްދީނާމެދު ނަފްރަތު އުފެއްދުން ނޫން ކަމަށެވެ.

އެއީ އިނގިރޭސި ބަހުން އެއްޗެއް ލިޔަންވެގެން އުޅެނިކޮށް ވެފައިހުރި ގޮތެއް ކަމަށާއި އެއީ ބައެއް ޔުނިވަރިޓީތަކުގައި ގިނަ ދުވަހު ކިޔެވުމުންވާ ގޮތެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަދި މިދިޔަ އާދީއްތަ ދުވަހު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ، ހިޔާލު ތަފާތުވުންތަކާއެކު އުޅެވެން ޖެހޭނެ ކަމަށާއި ނޫންނަމަ ހަނގުރާމައިގެ އައްސޭރިއަކަށް ރާއްޖެ ގޮސްފާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މިއަދު ރާއްޖޭގައި ދިމާވެފައިވާ އޮތް އެންމެ މުހިންމު ކަމަކީ ދީނީ ގޮތުން ރަނގަޅާއި ގޯހަކީ ކޮބައިކަން ނޭނގި ހިޔާލު ތަފާތުވުން އިންތިހާއަށް ގޮސްފައިވުންކަން ފާހަގަކުރައްވާ ވިދާޅުވީ، ހިޔާލަކީ ތަފާތުވާނެ އެއްޗެއް ކަމަށާއި އެ ހިޔާލު ތަފާތުވުންތަކާއެކު ވެސް އެންމެންނަށް އުޅެވެންޖެހޭނެ ކަމަށެވެ.