ޝަހީދާ އަބްދުﷲ ސައީދު
ސަރުކާރުގެ ފަރާތުން ދީނާ ހިލާފަށްކުރެވޭ ކޮންމެ ކަމަކީ ކަޅު ސިއްކައެއް ކަމަށް އައްޝައިޚު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލާގައި އެޖަމިއްޔާ އުވާލައި، އެކަމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި ޑރ. އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދީނާ ހިލާފަށްކުރެވޭ ކޮންމެ ކަމަކާ ގުޅިގެން ޖެހޭ ކަޅު ސިއްކަ ބުލީޗް ޖަހައިގެން ފިލުވަން އުޅުނަސް 2023 އަންނަން ވާއިރަށް ނުފިލާނެ ކަމަށެވެ.
އިޔާޒު މިހެން ވިދާޅުވެ ޓުވީޓް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމު ޓެގް ޓެގް ކުރައްވައެވެ.
އިޔާޒު މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، ދީނަށް ހަޖޫ ޖަހައި އުޅޭ މީހުންނަކީ ﷲގެ ރަހުމަތުން ބޭރުވެ، ރަސޫލާ (ޞ.ޢ.ވ)ގެ ޝަފާއަތުން މަހުރޫމުވެފައިވާ ބައެއް ކަމަށެވެ. އަދި ނުވިތަނަކަށް ރައްޔިތުންގެ ލޯބިވެސް ދުވަހެއް ދުވަހަކަށް ދާނީ ގެއްލެމުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީއެން އާމެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސް ކޮށްދެއްވުމަށް ޑރ. އިޔާޒު ގޮވާލެއްވިއެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ފުލުހުން މިއަދު ބުނީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް ބައެއް ފަރާތްތަކަށް ޗިޓް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ފަރާތްތަކެއް ކަމެއް ފުލުހުން ނުބުނެއެވެ.