ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަކީ ޒާތީ ތައައްސުބުން ފުރިފައިވާ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
އިބްރާހީމް ރިޒާ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ނިހާން މިއަދު ވިދާޅުވީ ޖޭއެސްސީގެ މެންބަރު ކަމުން ރިޒާ ވަކިކުރުމަށް ހުށަހެޅި ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމައްސަލަ ހުށަހަޅާފައި ވަނީ ރިޒާގެ އަބުރު ކަތިލުމަށް ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވަނީ ގައުމާމެދު ވިސްނާލުމުގެ ބަދަލުގައި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހުގައި ކަންކަން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ނިހާން ވިދާޅުވިގޮތުގައި ޖޭއެސްސީގެ މެންބަރު ކަމުން ރިޒާ ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި ގަރާރަކީ ބަދަލު ހިފުމުގެ ރޫހުގައި ހުށަހެޅި ގަރާރެކެވެ.
މީގެއިތުރުން ޖޭއެސްސީގެ މެންބަރު ކަމުން ރިޒާ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސްގައި ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުން ވަނީ ގަރާރާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
އެގޮތުން ކެލާ ދާއިރާގެ މެންބަރ އަލީ އާރިފު ވިދާޅުވީ ޖޭއެސްސީގެ މެންބަރު ކަމަށް ކަނޑައަޅުއްވާ މެންބަރުންނަކީ ސިޔާސީ ބޭފުޅުން ކަމަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރުގެ އިތުރުން މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، ސީއެސްސީގެ ރައީސަކީ ސިޔާސީ ބޭފުޅުން ކަމަށް އާރިފު ވިދާޅުވިއެވެ. އަދި ބަންޑާރަ ނާއިބު ވެސް ޖޭއެސްސީގައި އިންނަވަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާއިރު، އެއީ މުޅި ދައުލަތް ތަމްސީލުކޮށް، ދިފާއުކުރަން ހުންނަ ބޭފުޅެއް ކަމަށް ވެސް އާރިފު ވިދާޅުވިއެވެ.