ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ވަޒީފާ އަދާކުރައްވަމުން މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)ގެ އެއްވެސް މަގާމެއް އަދާކުރައްވާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ސީޕީ ހަމީދަކީ އެމްޑީއެންގެ ޑެޕިއުޓީ ޗެއާ ކަމަށާއި އެމަގާމުގައި ހުރެގެން އެމްޑީއެންގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ސީޕީ މަގާމުން ވަކިކުރަން ގޮވާލާ މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެމުން ފުލުހުންގެ ބުނީ، ފުލުހުންގެ ވަޒީފާ އަދާކުރައްވަމުން އެ ޖަމާއަތުގައި މަސައްކަތް ވެސް ސީޕީ ހަމީދު ކުރައްވާފައިނުވާ ކަމަށެވެ.
އަދި އެމްޑީއެންގެ ރިޕޯޓުގެ ތަހުގީގުގައި ވެސް ސީޕީ ހަމީދު ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ބުނެފައިވެއެވެ.
"ސީޕީ ފުލުހުންގެ ވަޒީފާ އިން ދުރުގައި ހުންނެވި ދުވަސްވަރު އަމިއްލަ ހައިސިއްޔަތުން އެމްޑީއެންގައި ވަރަށް ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވޭ. މިހާރު ތަހުގީގު ކުރަމުންދާ އެމްޑީއެން ރިޕޯޓުގެ އެއްވެސް މަސައްކަތެއްގައި ސީޕީ ބައިވެރިވެ ވަޑައިގެންފައެއް ނުވޭ،" ފުލުހުންގެ ރަސްމީ ޓުވީޓާ އެކައުންޓުން ކުރި ޓުވީޓްތަކެއްގައި ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ ތަހުގީގު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ސީޕީ މުހައްމަދު ހަމީދު ވެސް އަދި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.