ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް މެދު ކެނޑިފައި އޮތުމަށް ފަހު އަލުން ހުޅުވާލުމުން މިއަދުވެސް އެތައް ހާސް ބިދޭސީންނެއް ގަލޮޅު ދަނޑަށް ޖަމާވެ، ދަނޑު ފުރާލައިފިއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަޅަން ނިންމި ގިނަ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއްދީ، އަލުން ރަޖިސްޓްރީވާން ސަރުކާރުން ދިނީ ހަ މަސް ދުވަހުގެ މުއްދަތެކެވެ.
އިކޮނޮމިކް މިނިސްޓްރީން ފުރުސަތު ދިނުމުން ކުރީގެ ޕީޖީ އޮފީސް ހިންގި އިމާރާތުގައި ހުންނަ، އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށުގައި ރޭގަނޑުން ފެށިގެން ދިގު ކިޔޫތަކެއް ހަދަމުންދިޔައެވެ. އޭރު އިކޮނޮމިކް މިނިސްޓްރީން ދުވާލަކަށް ދޫކުރަމުން ދިޔައީ 100-150 ކިއު ނަންބަރެވެ.
ނަމަވެސް ބިދޭސީން ކިޔޫ ހަދައިގެން ގިނައިރުތަކެއް ވަންދެން ކޮޅަށް ތިބެންޖެހޭތީ އިކޮނޮމިކް މިނިސްޓްރީން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކުރިއެވެ. އަދި ބިދޭސީން ރަޖިސްޓާ ކުރުމުގެ މަސައްކަތް ކޮންމެ ހޮނިހިރު ދުވަހު ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދިއުމަށް ނިންމިއެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
މިއަދު ހެނދުނު 8:00 ގައި މަސައްކަތް ރީރަޖިސްޓްރޭޝަންގެ މަސައްކަތް ފަށަން އޮތްއިރު، ރެއިން ފެށިގެން ގަލޮޅު ދަނޑު ކައިރީގައި އެތައް ސަތޭކަ ބިދޭސީންނެއް ކިޔު ހެދިއެވެ. އަދި ހެނދުނު ދަނޑަށް ވައްދަން ފެށުމުން މިއަދު ވެސް ދަނޑުފުރާ ބިދޭސީން ވަނެވެ.
''ރެގިއުލަރައިޒޭޝަން ޕްރޮގްރާމް''ގެ ދަށުން ރަޖިސްޓްރީވާން އެދޭ ބިދޭސީން ދަފްތަރު ގައި ރަޖިސްޓްރީ ކުރަނީ ކިޔު ނަންބަރު ދޫކޮށްގެނެވެ. ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ޓާސްކްފޯހެއް ވެސް އުފައްދައިފައެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެ ޓާސްކް ފޯސް އިން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން ލޭބަރުން ގެނައުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރީރަޖިސްޓްރީ ކުރަން ސަރުކާރުން ފެށިއިރު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއްނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށަހެޅެއެވެ.