ފަސޭހައިން ފައިސާ ދެއްކޭ ގިނަ ގޮތްތައް ހިމެނޭ އެމްޕޮސް އަދި މަޗަންޓް ޕޯޓަލް ބީއެމްއެލުން ތައާރަފްކޮށްފިއެވެ.
ކާޑާއި އޮންލައިންކޮށް ކަސްޓަމަރުންކުރާ މުއާމަލާތްތައް، ވިޔަފާރިތަކުން ސްމާޓްފޯން ބޭނުންކޮށްގެން ފަސޭހަކަމާއެކު ހިދުމަތް ލިބޭ ގޮތަށް އަލަށް ތައާރަފްކުރި އެމްޕޮސް އެޕް ބޭނުންކޮށްގެން ކްރެޑިޓް، ޑެބިޓް އަދި ޕްރީޕެއިޑް ކާޑުގެ އިތުރުން ތަފާތު ގިނަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ކޮންމެ ވަގުތަކު ވެސް ފައިސާ ބަލައިގަނެވޭނެއެވެ. މިއީ ވިޔަފާރިތަކަށް ލުއިފަސޭ ހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ބަލައިގަނެވޭ އެންމެ ޒަމާނީ އެއް ވަސީލަތް ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލް އިން ބުނީ، އެމްޕޮސް އާއި މަޗަންޓް ޕޯޓަލްގެ ހިދުމަތް ބޭނުންކޮށްގެން ވިޔަފާރިތަކުން ފައިސާ ބަލައިގަތުމަށްޓަކާ އޮންލައިން ނުވަތަ އީމެއިލް މެސެޖަކުން ޕޭމަންޓް ލިންކް ފޮނުވުމާއި، ޓްރާންސް ސެކްޝަންތަކުގެ ތަފްސީލު ބަލައިލުމާއި ވިޔަފާރީގެ ރިޕޯޓްތައް ވެސް ތައްޔާރު ކޮށްލެވޭނެއެވެ. މި ހިދުމަތްތަކާއެކު ފިހާރަތަކުގައި ހުންނަ ކިޔުއާރު ކޯޑް ސްކޭންކޮށްލައިގެން ވެސް މުދަލާއި ހިދުމަތަށް ފައިސާ ވެސް ދެއްކޭނެއެވެ.
މި ހިދުމަތްތަކާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ހިދުމަތްތަކާއެކު ބޭނުން ވަގުތަކު ފަސޭހަކަމާއެކު ރައްކާތެރިކޮށް ފައިސާގެ މުއާމަލާތް ކުރެވިގެންދާނެ ކަމަށެވެ.
''އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ އެންމެހާ ވިޔަފާރިތަކަށާއި އެ ވިޔަފާރިތަކާއެކު މުއާމަލާތް ކުރައްވާ ކަސްޓަމަރުންނަށް ވެސް މި ހިދުމަތުގެ ފައިދާ ލިބިގެންދިއުން. މި ހިދުމަތުގެ ސަބަބުން ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތް ކުރުމުގެ އިތުރުން ނަގުދު ފައިސާއާ ނުލައި މުއާމަލާތްކުރާ މުޖުތަމައަކަށް ވާސިލްވުމަށް މަގުފަހި ވެގެންދާނެ," ޓިމް ވިދާޅުވިއެވެ.
ބީއެމްއެލްގެ ޕީއޯއެސް ނެޓްވޯކް މެދުވެރިކޮށް ކާޑާއި ޑިޖިޓަލް ވޮލެޓް ހިމެނޭ ގޮތަށް ހުރިހާ ކޮންޓެކްޓްލެސް ޕޭމަންޓްތައް ވެސް ބަލައިގަނެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް އަލި ޕޭ، ގޫގުލް ޕޭ، އަދި އެޕަލް ޕޭ އިން ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖެއަށް އެންމެ ފުރަތަމަ އިންޓަނެޓް އަދި މޮބައިލް ބޭންކިން ސެލްފް ސާވިސް ބޭންކިން އަދި ކޮންޓެކްޓްލެސް ޕޭމަންޓްސް ތައާރަފްކުރި ބޭންކެވެ.
އެ ބޭންކުންދަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ''އަހަރެންގެ ބޭންކް'' އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބީއެމްއެލުން ދަނީ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.