ޚަބަރު

ރާވެރިންގެ ދަރިއަކަށް ތިނެތިން އެކަތި އޮންނަންޏާ މިފަހަރު ސަލާމަތްވާނެ: ގާސިމް

ޝަހީދާ އަބްދުﷲ ސައީދު

ރާވެރިންގެ ދަރިއަކަށް ތިނެތިން އެކަތި އޮންނަ ކަމަށްވާނަމަ މިފަހަރު ސަލާމަތްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ 21 ދުވަސް ތެރޭގައި ސަރުކާރުން ފެއަށް ޖެހުމާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ސަރުކާރާ ދުރަށް ދާން ޖެހުނުކަން ފާހަގަކުރައްވައި، "އެންމެންގެ ޖުމްހޫރީ ޕާޓީ" ނަމުގައި ވީޓިވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ކުރިން ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދުގެ ސަރުކާރުގައި 21 ދުވަސްތެރޭ ހޯމް މިނިސްޓަރު ކަމުން އިސްތިއުފާދެއްވީ ކުރިމަތިކުރުވި ފިއްތުންތަކުގެ ސަބަބުންނެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނާ ދެމެދު ހިޔާލުތަފާތުވުން ތަކެއް އުފެމުން ގާސިމް ވަނީ ސަރުކާރާ ފެއަށް ޖެހިފައެވެ. ރައީސް ނަޝީދާއި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބޮޑު މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކީ ވެސް ގާސިމެވެ. އަދި މިސަރުކާރު ވެރިކަމަށް ގެނައުމުގައި ވެސް ގާސިމް އިސް ދައުރެއް އަދާކުރެއްވިއެވެ.

މާޒީގައިކަން ހިނގާފައިވާގޮތަށް އަލިއަޅުއްވާލައްވައި ރޭގެ ޕްރޮގްރާމުގައި ގާސިމް ވިދާޅުވީ މިހާރު ދެފަހަރު ޖަހައިފި ކަމަށާއި މިފަހަރު އެހެން ނަހަދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވާ ރައީސް ސޯލިހަކީ ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކުގައި ކަންކަން ކުރައްވާ ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންވެ، މިސަރުކާރުން އޭނާއާ ދޭތެރޭ ދެރަ ގޮތެއް ނަހަދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މުސްކުޅިން ބުނެ އުޅޭ، ތިނެތިން އެކަތި އޮވެއޭ ރާވެރިއެއްގެ ދަރިއަކަށް ވެސް. ކުރީގެ ދެ އެތިފަހަރު، ފުރަތަމަ ދެ އެތިފަހަރު ހިނގައްޖެ. އެކަަމަކު މިފަހަރު އިރާދަކުރެއްވިއްޔާ އެކަހަލަ ނިކަމެތި ކަމެއް، ރާވެރިއެއްގެ ދަރިއަކަށް ވެސް ތިނެތިން އެކަތި އޮންނަންޏާ މިފަހަރު އަޅުގަނޑު ވެސް ސަލާމަތްވާނެތާ. މިފަހަރު އަޅުގަނޑުމެންނަށް ފަހިކޮށް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ,'' ގާސިމް ވިދާޅުވިއެވެ.

އަދި ކުރީ ސަރުކާރުތަކުގައި ކުރަންޖެހި ވަޑައިގަތް ހިތްދަތި ތަޖުރިބާ މި ސަރުކާރުގައި ކުރަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ސިޔާސީ ކުރިމަގަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ މިވަގުތު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީޓަކުގެ ތެރެއިން އެންމެ ހަރުދަނާ އަދި ކުރިމަގެއް އޮތް ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށާއި ޕާޓީގެ ތެރެއިން ކުރިއެރުންތައް އެމީހަކަށް ލިބޭނެ ކަމަށެވެ.