މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓުގެ ނެރުނު މައްސަލައިގައި ބައެއް މީހުންނަށް ޗިޓް ފޮނުވާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، އެމްޑީއެންގެ މައްސަލައިގައި ތަހުގީގަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. އެގޮތުން ބައެއް މީހުންނަށް މިހާރު ޗިޓް ފޮނުވާފައިވާކަމަށް ފުލުހުން ބުންޏެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި ބައެއް މީހުންނަށް ޗިޓް ފޮނުވި ކަމަށް ފުލުހުން މިއަދު ބުނި އިރު، އެމްޑީއެންގެ ރައީސާ ޝަހިންދާ އިސްމާއީލު ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ހަވާލުކުރަން ފުލުހުން ގުޅިކަމަށެވެ. އަދި އުޅޭ އެޑްރެސް ނޭނގިގެން ޗިޓް ހަވާލު ނުކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވާކަމަށްވެސް ޝަހިންދާ ބުންޏެވެ.
އިސްލާމްދީނާ ހިލާފު އެތައް ވާހަކަތަކެއް ހިމަނައިގެން ލިޔެފައިވާ އެ ރިޕޯޓާއި ގުޅިގެން އެމްޑީއެން އުވާލުމަށް އިލްމުވެރިންނާއި އަދި ރައްޔިތުން ގެންދަނީ ގޮވާލަމުންނެވެ. އަދި އެމްޑީއެންގެ އެރިޕޯޓު ނެރުނު މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ދަނީ ގޮވައިލަމުންނެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ ރިޕޯޓު ނެރުނު އިރުވެސް ޝަހިންދާ ރާއްޖޭގައި ނެތް ކަމަށެވެ. ޝަހިންދާ މިވަގުތު ހުރީ ޖަރުމަނުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމްޑީއެންގެ ރިޕޯޓުގައި ހިމަނާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، އިސްލާމް ދީނާ މެދު ސުވާލު އުފައްދައި ދީނުގެ އަސްލުތަކާ މެދު އިންކާރު ކޮށްފައިވުމާއި ރަސޫލާދެކެ ލޯބިވާން އަންގަވާފައިވުމަކީ އެކަލޭގެފާނަށް ކުޑަ ކަލާނގެއެއްކަމުގެ ލަގަބު ދިނުން ކަމަށް ބުނެފައިވުމާއި ރަސޫލާގެ ބައެއް ހަދީސްތަކުން ހައްދުފަހަނައަޅައި ދިއުމަށް ހިތްވަރު ލިބޭ ކަމަށް ބުނުމާއި ގުރުއާނުގައި ބަޔާން ކޮށްފައިވާ ކަންކަން ސައިންޓިފިކް ހެކިތަކުން ސާބިތުނުވާ ކަމަށްބުނެ އެއީ ފުލޯކް ވާހަކަތަކަށް ހެދުމަށް މަސައްކަތް ކުރުމާއި ގުރުއާންގެ ބައެއް އާޔަތްތަކުން ގެވެށި އަނިޔާއަށް ހިތްވަރުދޭ ކަމަށް ބުނުމުގެ އިތުރުން ޔަހޫދީންގެހުރި ނުބައިކަމުގެ ވާހަކަ ބަޔާން ކޮށްފައިވުމަކީ ހައްދު ފަހަނައަޅައިި ދިއުން ކަމަށް ބުނުން ހިމެނެއެވެ.