ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ރާއްޖޭގެ ކުޅުންތެރިންނަކީ ނިކަމެތި ކުޅުންތެރިންގެ ގޮތުގައި ދެކޭ ދެކުން ދޫކޮށްލަން ޖެހޭ: އަލީ ވަހީދު

ރާއްޖޭގެ ކުޅުންތެރިންނަކީ ނިކަމެތި ކުޅުންތެރިންގެ ގޮތުގައި ދެކޭ ދެކުން ދޫކޮށްލަން ޖެހޭ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ގައުމީ ޓީމު ކޮމިޓީން ގައުމީ ޓީމާ ބައްދަލުކުރުމަށް ޕެރަޑައިޒް އައިލެންޑް ރިސޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ކޮޅަށް ގޯލެއް ޖަހައިފިއްޔާ މިހާރު ވެސް އަޑު އިވެނީ ރާއްޖޭގެ ކުޅުންތެރިން ވަރަށް ނިކަމެއްޗޭ ބުނާ އަޑު ކަމަށެވެ.

"އަޅުގަނޑުމެންގެ އުމުރުން 11 އަހަރުގައި ވެސް ކޮމަންޓޭޓަރުން ބުނާނެ ރާއްޖޭގެ ކުޅުންތެރިން ވަރަށް ބަލިކައްޓޭ. ރާއްޖެ ކޮޅަށް ގޯލެއް ޖަހައިފިއްޔާ މިހާރު ވެސް އަޑު އިވެނީ ރާއްޖޭގެ ކުޅުންތެރިން ވަރަށް ނިކަމެއްޗޭ. އަޅުގަނޑު ދެކޭ ގޮތުގައި ލިއޮނެލް މެސީއަކީ އަޅުގަނޑަށް ވުރެ ވެސް އިސްކޮޅުން ދިގު މީހެއް ނޫން. އެކަމަކު އޭނާ އަޅުގަނޑު ކައިރި ވެލައިފިއްޔާ އަނބުރާ ހުރި ތަނަށް ޖަހާނެ. އެހެންވީމާ ކަމެއް ކުރީމަ، ކަމެއް ވަނީ. ދިވެހިރާއްޖޭގެ ކުޅުންތެރިން އަބަދު އެއީ ނިކަމެތި ކުޅުންތެރިން ގޮތަށް، ނުވަތަ ފިޒިކަލީ ދަށް ކުޅުންތެރިން ކަމަށް ގަބޫލުކުރި ކުރުން މިރެއިން ފެށިގެން އަޅުގަނޑުމެން ދޫކޮށްލަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ކުޅުންތެރިން ވަރުގަދަ ކުޅުންތެރިންގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނީ ދުވަސްތަކަކުން ކުރާ މަސައްކަތުން ކަމަށާއި ސަރުކާރާއި އެފްއޭއެމް އަދި ކްލަބުތައް ގުޅިގެން ކުރާ މަސައްކަތުން އެކަން ކާމިޔާބުކުރެވޭނެ ކަމަށެވެ.

"އެކަމަކު އަދި މާދަމާ ވަރުގަދައެއް ނުވާނެ. ދުވަސްތަކަކުން ކަންތައްތައް ކޮށްގެން ވާނީ. އެކަމަކު އަޅުގަނޑުގެ އުމުރުން 45 އަށް ވާއިރު، އަޅުގަނޑު ބޭނުން ބަދަލުކުރަން. ރާއްޖޭގެ ކުޅުންތެރިޔާ ގައިގައި ޖެހިފައި ދެން ހުންނަ ކުޅުންތެރިޔާ ދަނީ ވިއްސައިގެންނޭ ބުނާ ވަރަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވަހީދު ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ގިނަ ނަސޭހަތްތަކެއް ދެއްވައިފައެވެ. މިނިސްޓަރު ވިދާޅުވީ ގައުމީ ޓީމުގައި ހިމެނެނީ ހަމައެކަނި ދަނޑު މައްޗަށް އަރާ 11 ކުޅުންތެރިން ނުވަތަ ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިން ނޫން ކަމަށާއި އެ ސްކޮޑުގައި ކުޅުންތެރިންގެ އާއިލާތަކާއި އެކުވެރިންނާއި ކްލަބުތަކާއި ސަޕޯޓަރުންނާއި އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ ވެސް ހިމެނޭނެ ކަމަށެވެ. އަދި މޮޅު ކުޅުންތެރިޔަކަށް ވުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެކަން ވެސް އަލީ ވަހީދު ފާހަގަކުރެއްވިއެވެ.