ގައުމީ ފުޓުބޯޅަ ޓީމުގެ ހާއްސަ ހަރަކާތެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ އެ ހަރަކާތް ފެށޭނީ މިރޭ 8:30 ގައެވެ. އެ ހަރަކާތް ޕަބްލިސް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޔެސް ޓީވީން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިރޭގެ ހަރަކާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ގައުމީ ޓީމު ކޮމިޓީ، ސީނިއާ ގައުމީ ފުޓުބޯޅަ ޓީމާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.
ދާދި ފަހުން އެކުލަވާލި ގައުމީ ޓީމު ކޮމިޓީއަކީ ގައުމީ ޓީމުތަކުގެ ކަންތައްތަކުގައި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުމަށް އެކުލަވާލި ކޮމިޓީއެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަހްމަދު ޝަކީބާއި ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަލީ ނާޝިދު އަދި ގައުމީ އަންހެން ޓީމުގެ ކުރީގެ ކެޕްޓަން މަރިޔަމް މިރުފަތެވެ.
މިރޭގެ އެ ހަރަކާތަށް ފަހު، ގައުމީ ޓީމުތަކުގެ އިސް ފަރާތްތަކާއެކު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މާދަމާ ހާއްސަ ކޮންފަރެންސެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.