އުމުރުން 65 އަހަރު ފުރުމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް އޮތުން ބާތިލުކުރަން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އިސްލާހު އެ ހުށަހަޅުއްވާފައި ވަނީ މިއަދުއެވެ. ގާނޫނަށް އެ އިސްލާހު ގެންނަން ޖެހޭކަން ފާހަގަ ކުރައްވައި ފަލާހު މީގެކުރިން ވިދާޅުވެފައިވަނީ އެ އިސްލާހު ހުށަހަޅަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލެވޭ އުމުރު 65 އަހަރަށް ކަނޑައަޅާފައި އޮތުމުން އެކަމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ގެއްލި، އެބައި މީހުންގެ ހައްގުތައް ވެސް ގެއްލިގެންދާތީ ކަމަށެވެ.
ފަލާހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އުމުރުން 30 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވެސް ކުރިމަތިލެވެން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.