ޚަބަރު

ކްރިމިނަލް ކޯޓުގެ ޕެންޑިންގައި 1،910 މައްސަލަ، ނިންމޭނީ ދެ އަހަރާއި ހަ މަހުން

އިބްރާހިމް ޒަކީ

ކްރިމިނަލް ކޯޓުގެ ޕެންޑިންގައި މިހާރު ވެސް 1،910 މައްސަލަ އެބައޮތް ކަމަށް ދައްކައިފިއެވެ.

ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގުދެމިގެންދާކަމުގެ ޝަކުވާތަގާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ޕެންޑިންގައި ހުރި މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރު ލެއްވުމަށް އެދިވަޑައިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައީސް އަބުދުﷲ އަރީފް މަޖިލީހަށް ފޮނުއްވި ރިޕޯޓުން ދައްކާގޮތުގައި، ކްރިމިނަލް ކޯޓުގެ ޕެންޑިންގައި މިހާރު 1،910 މައްސަލަ އޮތްއިރު އޭގެ ތެރޭގައި 10 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވީ މައްސަލަތައްވެސްް ހިމެނެއެވެ.

ޕެންޑިންގައި ހުރި މައްސަލަތައް ހިމެނޭ މަރުހަލާ ތަކާއި އެ މައްސަލަތަކާބެހޭގޮތުން މިހާތަނަށް ބޭއްވި އަޑުއެހުން ތަކާއި ބާއްވަންޖެހޭ އަޑުއެހުން ތަކާއި މައްސަލަތައް ނިންމޭނެކަމަށް ބެލެވޭ މުއްދަތުވެސް އެ ރިޕޯޓްގައި ވަނީ ވާހަގަކޮށްފައެވެ.

އެރިޕޯޓްގައިވާގޮތުން، ޕެންޑިންގައި ހުރި މައްސަލަ ތަކުގެ ތެރޭގައި އެންމެ ގިނައީ އިބްތިދާއީ މަރުހަލާގައި ހިމެނޭ މައްސަލަތަކެވެ.

ރިޕޯޓުން ދައްކާގޮތުގައި އިބްތިދާއީ އަޑު އެހުމުގެ މަރުހަލާއި، 1،105 މައްސަލަ އޮތްއިރު، އޭގެ ތެރެއިން ކޮންމެ މައްސަލައެއް ނިންމުމަށް ހަފްތާއަކު އަޑުއެހުމެއް ގޮތަށް 15 އަޑުއެހުން ބާއްވަން ޖެހެއެވެ. އެހެންކަމުން އެ މަރުހަލާގެ މައްސަލަތައް ނިންމުމަށް ޖުމްލަ 16،575 އަޑުއެހުން ބާއްވަން ޖެހެއެވެ.

ޝަރީއަތުގެ އަޑުއެހުމުގެ މަރުހަލާގައި 594 މައްސަލަ އޮތް އިރު، ހަފްތާއަކު އަޑުއެހުމެއްގެ ނިސްބަތުން އެ މައްސަލަތައް ނިންމުމަށް ކޮންމެ މައްސަލައަކަށް ނުވަ އަޑުއެހުން ބާއްވަން ބޭނުންވާއިރު، އެ މަރުހަލާގެ މައްސަލަތައް ނިންމުމަށް 5،346 އަޑުއެހުން ބާއްވަން ޖެހެއެވެ.

މީގެ އިތުރުން ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގައި 56 މައްސަލަ އޮތްއިރު ކޮންމެ މައްސަލައަކަށް ހަތަރު އަޑުއެހުން ބާއްވަން ޖެހޭއިރު، އެ މަރުހަލާގައި ހުރި ހުރިހާ މައްސަލައެއް ނިންމަން 224 އަޑުއެހުން ބާއްވަން ޖެހޭ ކަމަށެވެ. އަދި ހުކުމް ކުރުމުގެ މަރުހަލާގައި 155 މައްސަލަ އޮތްއިރު ކޮންމެ މައްސަލައަކަށް ތިން އަޑުއެހުމުގެ ނިސްބަތުން އެ މަރުހަލާގެ މައްސަލަތައް ނިންމުމަށް ޖުމްލަ 465 އަޑުއެހުން ބާއްވަންޖެހެއެވެ.

ރިޕޯޓްގައިވާގޮތުން މިހާރު ކްރިމިނަލް ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންގެ ނިސްބަތަށް ބަލައި ޕެންޓިންގައި ހުރި ޖުމްލަ 1،910 މައްސަލަ ނިންމާލެވޭނީ ދެ އަހަރާއި ހަމަސްދުވަސް ފަހުން ކަމަށެވެ.

މައްސަލަތައް ނިންމޭނެކަމަށް ރިޕޯޓްގައި މިހާރު ކަނޑައަޅާފައިވާ މުއްދަތަށްވުގެ އަވަހަށް މައްސަލަތައް ނިމިދާނެ ގޮތެއްވެސް އެ ރިޕޯޓްގައި ޖޭއެސްސީން ވަނީ ވާހަގަ ކޮށްފައެވެ.

ރިޕޯޓްގައި ވާގޮތުން ޕެންޑިންގައި ހުރި މައްސަލަތައް ނިންމަން އެ ކޯޓަށް ވަގުތީގޮތުން ހަތަރު ފަނޑިޔާރުން އިތުރުކޮށްފި ނަމަ 1،910 މައްސަލަ ނިންމަން ނަގާނީ އެއް އަހަރާއި އަށްމަސް ދުވަހެވެ.

ރިޕޯޓްގައި ވާގޮތުން ކްރިމިނަލް ކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވާއިރު، އެ ތަނުގައި 99 މުވައްޒިފުން މަސައްކަތް ކުރެއެވެ.