ޚަބަރު

ރ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

އާނިފާ ހުސެއިން ސިރާޖް

މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން، ރ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

ވިއްސާރައާ ގުޅިގެން ރ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފައިވަނީ މިއަދު ހެނދުނުގެ 10:45 އިން ފެށިގެން 2:00 އަށެވެ.

މި ވިއްސާރައިގަ ރ. އަދި މ. އަތޮޅާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ބޯކޮށް ވާރޭ ވެހި ގުރުގުރާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ، މިއަދު ހެނދުނުގެ 08:30 އިން 12:00 އަށް ހދ. އަތޮޅުން ދ. އަތޮޅަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

މެޓް އޮފީހުން މޫސުމާ ގުޅޭ އެލާޓް ނެރެނީ ހަތަރު ލެވެލްއަކަށެވެ. އެއީ ވައިޓް އެލާޓް، ޔެލޯ އެލާޓް، ރެޑް އެލާޓް އަދި ގްރީން އެލާޓް އެވެ.

ވައިޓް އެލާޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވި ކަމުގައި ވިޔަސް، މޫސުން ގޯސްވާކަން އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ.

ޔެލޯ އެލާޓް އަކީ މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުމެއް ވެދާނެކަމަށް ތައްޔާރުވުމަށް ލަފާދީ ނެރޭ އެލާޓެކެވެ. ޔެލޯ އެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.