ޚަބަރު

އަންނަ އަހަރު ކުދިންނަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

ސުކޫލުތަކުގެ ދަރިވަރުން، އަންނަ އަހަރު ކިޔެވުމަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސުކޫލުތަކަށް ފޮނުވަން ފަށާފައިވާކަމަށާއި، އުންމީދަކީ މިއަހަރުގެ ކިޔެވުން ނިންމައި ރިޕޯޓްފޯމު ދޭދުވަހު ހުރިހާ ކުދިންނަށް ފޮތްތައް ހަވާލުކުރުން ކަމަށެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅަކާ ގުޅޭގޮތް ނުވުމުން މިކަމާބެހޭ އިތުރު ތަފްސީލް ވަނީ ލިބޭގޮތް ނުވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމުގައި 93 ދުވަހުސް، ދެވަނަ ޓާމުގައި 107 ދުވަހާއެކު ޖުމްލަ 200 ދުވަހު ސުކޫލުތަކުގައި ކިޔަވައިދޭނެ އެވެ.

އެކަޑަމިކް ކަލަންޑަރުގައިވާގޮތުން، މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީއަށް ސުކޫލުތައް ބަންދުވާނީ އަންނަ މަހުގެ 21 ވަަނަ ދުވަހުއެވެ.

ކަލަންޑަރުގައިވާގޮތުން އަންނަ 2020 ވަނަ އަހަރުގެ ތައުލީމީ އަހަރުފެށި، ސުކޫލުތަކުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.

ކޮންމެ އަހަރެއްގައިވެސް ރިޕޯޓު ފޯމު ހަވާލުކުރާ ދުވަހު ކުރިއަށް އޮންނަ އަހަރުގެ ފޮތް ލިސްޓް ދަރިވަރުންނާ ހަވާލުކުރެއެވެ.