ކޯލިޝަނެއްގެ ތެރެއިން ހިންގަމުން އަންނަ މި ސަރުކާރު، ހިންގަން ބޭނުންވަނީ އެމަނިކުފާނު ވެސް އަދި އެމްޑީޕީގެ މެމްބަރުން ވެސް އެދޭ ގޮތަށް އެމްޑީޕީގެ ސަރުކާރެއްގެ ގޮތުގައި ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވެރިކަމަށް ގެނައުމަށް 2013 ވަނަ އަހަރު މަސައްކަތް ކުރެއްވި، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކުވެގެން އުދިފައިވާ ކޯލިޝަން ސަރުކާރެކެވެ.
އެމްޑީޕީ މެމްބަރުންނާ ދަރުބާރުގޭގައި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރު އެމްޑީޕީން އެކަނި ހިންގުމަކީ އެމްޑީޕީގެ މެމްބަރުން ބޭނުންވާ ހާއްސަ ކަމެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނު ވެސް ބޭނުންވެ ހުރި ކަމެއް ކަމަށް ވިދާޅުވިއެވެ.
"މި ސަރުކާރު އަޅުގަނޑުމެންގެ ވިސްނުމުގައި އަޅުގަނޑުމެން ހިންގުން. އަޅުގަނޑުމެންގެ ސަރުކާރަކަށް އަޅުގަނޑުމެން މި އުއްމީދުކުރާ ކަންތައް އަޅުގަނޑުމެން ހިތުއެޅި ގޮތެއް، ހިތު އެޅިކަމެއް، ކުރެހި މަންޒަރެއް، އޭތި އެހެން ބަޔަކަށް ގޮސް އެކަން އެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން ދަތި! އަބަދުވެސް ފެނޭ ނުފަރިތަ ވެގެން އުޅުއްވާތަން. ވަޒީރު ބޭފުޅުން ވެސް،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ބޭނުންވާ އެކަންތައް ވާނެ ކަމަށާއި އެ މިސްރާބު ހިފޭނެ ކަމަށެވެ. އަދި އެމްޑީޕީ ބަހައެއް ނުލެވޭނެ ކަމަށާއި ބައިބައެއް ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، މި ސަރުކާރު މަސައްކަތް ކުރަމުންދާނީ ރައްޔިތުންގެ އުއްމީދުތަކާ އެގޮތަށް ކަމަށާއި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާއެއް ނޯޅޭނެ ކަމަށެވެ. އަދި ރައީސްއަށް މި ޕާޓީގެ ވިންދާ އިހުސާސްތަކާއި ބޭނުންތަކާ އުއްމީދުތަކާ އިދިކޮޅަށް އަދި ފުށު އަރާނެ ގޮތަކަށް ކަންކަން ނުކުރައްވާނެ ކަމަށެވެ.
އެމްޑީޕީ މިހާރު އޮތް ހިސާބަށް އައީ އުދަނގޫ ދުވަސްތަކެއް ފެނި، ދަތިތަކާއި އުދަނގުލާއި ވޭނާއި އަސަރާއެކުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ދެކެމުންދިޔަ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މިއަދު ލިބިފައިވަނީ މާ ބޮޑު ފުރުސަތެއް ކަމަށެވެ.
އެއީ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތެއް އެމްޑީޕީއަށް ލިބިފައިވުން ކަމަށެވެ. އެހެންކަމުން މިއަދު އެމްޑީޕީގެ މެމްބަރުން ބޭނުން ނުވާ ކަމެއް ރާއްޖެއަކު ނުހިނގާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ ހަގީގަތުގައި މިއަދު، އަޅުގަނޑުމެންނަށް ނުކުރެވޭނެ އަދި ކުރެވެން ނެތް ރާއްޖޭގެ ކަންކަން ބަދަލު ކުރުމަށް، ދިވެހިރާއްޖޭގެ ކަންކަން ހެޔޮ ގޮތުގައި ކުރިއަށް ގެންދިއުމަށް ނުކުރެވޭނެ އެއްވެސް ކަމެއް، ހުރަހެއް މިއަދު ހަގީގަތުގައި އޮވެގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.