މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނަކީ ލާދީނީ ބައެއް ކަމަށް އެއްވެސް ބަޔަކު ގަބޫލުކޮށްގެން ނުވާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މެމްބަރުންނާ ދަރުބާރުގޭގައި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށްވުރެ ދީނަށް އުޅޭ ބަޔަކު ރާއްޖޭގައި އުޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
''އަޅުގަނޑުމެންނަކީ އެއްވެސް ހާލެއްގައި ލާދީނީ ޕާޓީއެއް ކަމަށް، ލާދީނީ ބައެއް ކަމަށް ތީގެ އެއްވެސް ބޭފުޅަކު ގަބޫލުކުރައްވައިގެން ނުވާނެ. އެއީކީ އަޅުގަނޑުމެނެއް ނޫން. އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންނާ އެއްވަރަށް މިސްކިތައް ނަމާދަށް އަރާ ބައެއް ވެސް، ޒަކާތްދޭ ބައެއް ވެސް، ރޯދަ ހިފާ ބައެއް ވެސް، ހެޔޮލަފާ ނަސޭހަތްދޭ ބައެއް ވެސް، ރަނގަޅަށް އުޅޭ ބައެއް ވެސް އަޅުގަނޑަށް ޔަގީން ކަށަވަރު މި ރާއްޖޭގައި ވަކި ނޫޅޭނެ.'' ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ މެމްބަރުންނަކީ ލާދިނީ ބައެއް ކަމަށް ލޭބަލްކޮށް ވަކި ބަޔަކު ދައްކާ ވާހަކަތަކަކަށް ސަމާލުކަންދޭން ނުޖެހޭނެ ކަމަށެވެ. އަދި މުހިންމީ އަމިއްލައަށް ރަނގަޅު ކަންކަން ކުރުން މަތީ، ސޯލިހު ގޮތުގައި އުޅެމުން ގެންދިއުން ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ މަސައްކަތަކީ ތަރައްގީގެ މަސައްކަތް ކުރުންކަން ފާހަގަކުރައްވާ ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އަބަދުވެސް އަމާޒަކީ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގައި ސާބިތުވެ ތިބެ، ހަޔާތަށް ތަނަސްވަކަމެއް ލިބޭނެ އަދި މުޅި ހަޔާތުގައި ދިމާވެފައިވާ ހުރިހާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް ވެރިކަމާ ކުރިމަތިލަނީ އެ ތަސައްވަރާއެކުގައި ކަމަށް ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމަކީ އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާތީ ނަޝީދު ބޭއްވެވި ބައްދަލުވުމެކެވެ.