ޚަބަރު

ވާދަވެރި ޕާޓީތަކުން ހިލާފު އުފައްދަން އުޅުނަސް އެމްޑީޕީ ގުޑުވައެއް ނުލެވޭނެ: ނަޝީދު

މަރިޔަމް ޝަހުދާ

ވާދަވެރި ޕާޓީތަކުން ކިތަންމެ ވަރަކަށް އެމްޑީޕީ ތެރޭގައި ހިލާފު އުފައްދަން އުޅުނަސް އެމްޑީޕީ ގުޑުވައެއް ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ދަރުބާރުގޭގައި ރޭ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަދަ ބޭފުޅުން އަބަދުވެސް އެމްޑީޕީއާ ދިމާލަށް އަންނާނެ ކަަމަށެވެ. އަދި އެނޫންވެސް އެހެން ވާދަވެރިންވެސް އަބަދުވެސް ޕާޓީއާ ދިމާލަށް އަންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މި ބޭފުޅުން އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތު ކުރުންތައް އުފައްދަން އުޅޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއާ ދެކޮޅު ފަރާތްތަކުން އަބަދުވެސް އެކި ގޮތްގޮތަށް އެމްޑީޕީއޭ ކިޔައިގެން އެކި ވާހަކަ ދައްކާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކީނަމަވެސް އެމްޑީޕީ މެމްބަރުންގެ ސާބިތުކަން ގުޑުވައި ނުލެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

''އަޅުގަނޑުމެންނާއި ދިމާއަށް އަޅުގަނޑުމެންގެ ވާދަވެރި ހުރިހާ ޕާޓީތައް އަބަދުވެސް އަންނާނެ. އެބޭފުޅުން މަސައްކަތް ކުރާނެ އަޅުގަނޑުމެންގެ ތެރޭގައި ހިލާފު އުފައްދާންވެސް. އެބޭފުޅުން އުޅުއްވާނެ ހުރިހާ ގޮތަކަށް، ކުރުއްވާނެ ހުރިހާ ކަމެއް، ދައްކަވާނެ ހުރިހާ ވާހަކައެއް. އެހެން ނަމަވެސް ތިބޭފުޅުންގެ ސާބިތުކަން ގުޑުވާ ނުލެވޭނެކަން އަޅުގަނޑުމެންނަށް ޔަގީން ކަށަވަރު.''

މީގެ އިތުރުން އެމްޑީޕީއަކީ ބަހާލެވޭނެ ނުވަތަ ބައިބައި ކުރެވޭނެ ޕާޓީއެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެންމެ ގިނަ ސިޔާސީ ޕާޓީއެއް ހަދާ ބަޔަކަށް ބަޔަކު ވާން ބޭނުންވި ނަމަވެސް އަބަދުވެސް ގެންގުޅޭ ފިކުރަކީ އެންމެ ސިޔާސީ ޕާޓީއެއް ހެދުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

''އަޅުގަނޑަކީ އެންމެ ގިނަ ސިޔާސީ ޕާޓީ ހަދަން އުޅޭ މީހާއެއް ނޫން. އަޅުގަނޑަކީ ހަމަ އެންމެ ސިޔާސީ ޕާޓީއެއް ހެދުމުގެ ފިކުރު އަބަދުވެސް ހުރިމީހެއް. އަޅުގަނޑަކީ ހިތުގެ އަޑިން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ގަބޫލު ކުރާ މީހެއް. އެހެންވީމަ އަޅުގަނޑަށް ވަދެވެން އޮންނާނީ އެންމެ ޕާޓީއެއް.''

ނަޝީދު ވިދާޅުވީ ކޮންމެ މީހެއްގެ ވެސް އޮންނާނީ އެންމެ ފިކުރެއްކަމަށެވެ. އަދި އެންމެ ފިކުރެއް އޮންނަ މީހެއްގެ އޮންނަން ވާނީ އެންމެ ޕާޓީއެއްކަމަށެވެ.