ޚަބަރު

މާލޭގައި ރަހީނު ކޮށްގެން ގެންގުޅުނު ބިދޭސީއަކު ސަލާމަތްކޮށްފި

މަރިޔަމް ޝަހުދާ

މާލޭގައި ހުރި ގެއެއްގައި ރަހީނުކޮށްގެން ގެންގުޅުނު ބިދޭސީއެއް ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ، މީހަކު ރަހީނުކޮށްގެން އެމީހާގެ އަތުން ފައިސާ ހޯދަން އުޅޭ ކަމުގެ މައުލޫމާތެއް މިއަދު 17:14 ހާއިރު ލިބުނު ކަމަށެވެ. އަދި އެ މައުލޫމާތާ ގުޅިގެން އެ ބިދޭސީ މީހާ ސަލާމަތްކުރީ މާފަންނުގައި ބިދޭސީން ދިރިއުޅޭ ގެއަކުން ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި ރަހީނުކޮށްގެން އުޅުނީ ބަންގްލަދޭޝް މީހެކެވެ. އަދި އޭނާ ރަހީނުކޮށްގެން ގެންގުޅުނު ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށް، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިމަހު ކުރީ ކޮޅުވެސް މާފަންނުގައި ބިދޭސީން އުޅޭ ގެ އެއްގައި ރަހީނުކޮށްގެން އުޅުނު ބިދޭސީއަކު ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ވެސް ބިދޭސީއަކު ރަހީނު ކުރި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.