ޚަބަރު

ވިސަލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

މަރިޔަމް ޝަހުދާ

މިމަހު އަށް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ވިސަލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ސޯލިހު މި ބިލް ތަސްދީގު ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ބިލުގެ މަގްސަދަކީ ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅާ، ވިސަލްބްލޯ ކުރާނެ ނިޒާމެއް ކަނޑައަޅާ އެކަމަށް ހިތްވަރު ދިނުމެވެ. އަދި ވިސަލްބްލޯކުރުމުން ލިބޭ މައުލޫމާތުތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގުކުރުމުގެ އިތުރުން ވިސަލްބްލޯ ކުރާ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަން މި ބިލުން ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހެޅޭ ނޭދެވޭ އަމަލްތަކަށް ޖަވާބުދާރީވެ، ދެފުއްފެންނަ އަދި ނަޒާހަތްތެރި ތަގާފަތެއް ދައުލަތުގ އިދާރާތަކުގައި އަށަގެނެވުމަކީ ވެސް މި ބިލުގެ މަގްސަދެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. ހަމައެހެންމެ ވިސަލްބްލޯ ކުރާ ފަރާތްތަކަށް ލިބިގެންވާ ހައްގުތައް ޒިންމާދާރުގޮތެއްގައި ބޭނުން ކުރުމުގެ އިތުރުން ގާނޫނުގައިވާ ޒިންމާތައް ފުރިހަމައަށޤ އަދާކުރުމަށް ބާރުއެޅުމަކީވެސް މި ބިލުގެ މަގްސަދުގެ ތެރޭ ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު ގެޒެޓުގައި ވަނީ ޝާއިރުކޮށްފައެވެ.

މި ގާނޫނުގައި "ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް"ގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި ހާއްސަ ޔުނިޓެއް އުފެއްދުމަށް ހިމަނާފައިވެއެވެ. އަދި މި ގާނޫނު ފާސްކޮށްފައިވަނީ މި ގާނޫނު ގެޒެޓު ކުރެވުމުގެ ކުރިން ވިސްލްބްލޯ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށް މި ގާނޫނު ނުހިނގާ ގޮތަށެވެ.

ޒިރޯ ޓޮލަރެންސްގެ ދަށުން ވިސްލްބްލޯ (ކޮރަޕްޝަން ފަޅާ އަރުވާލާ) ކުރާ މީހުނަށް ރައްކާތެރިކަމާއި ހިމާޔަތް ދޭނެ ގޮތެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.