ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ޔޫނިއަން، އެސްއެމްއީ އެންޑް އޯންޓްރަޕްރެނުއާ ފެޑެރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "އިންޑިއާ އެކްސްޕޯ 2019" އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވާ އެކްސްޕޯ ބައްލަވާ ލައްވައިފިއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ދަރުބާރުގޭގައި ކުރިއަށްދާ މި އެކްސްޕޯއަށް ރައީސް ސޯލިހު ޒިޔާރަތް ކުރެއްވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި އެކްސްޕޯގެ ކަންކަން ކުރިއަށްދާގޮތް ބައްލަވާލައްވާ އެކްސްޕޯގައި ގާއިމްކޮށްފައިވާ އެކި ސްޓޯލްތަކަށް ރައީސް ވަނީ ޒިޔާރަތްކޮށް، މައުލޫމާތު އޮޅުންފިލުއްވައިފައެވެ.
އިންޑިއާ ކުންފުނިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދިވެހިންނަށާއި ރާއްޖޭގެ ވިޔަފާރި މާކެޓަށް ދައްކާލުމަށް ބާއްވާ އިންޑިއާ އެކްސްޕޯގައި 16 ކުންފުންޏަކުން ބައިވެރިވެއެވެ.
އެގޮތުން މިރޭގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯގައި ފުޅާ ދާއިރާއެއްގައި ރާއްޖެއަށް އެކި ސާމާނު އެތެރެކުރާ އިންޑިއާގެ ކުންފުނިތައް ބައިވެރިވާއިރު، މި އެކްސްޕޯއަކީ އިންޑިއާ ކުންފުނިތަކަށް ރާއްޖޭގެ މާކެޓުން އިތުރު ތަނަވަސް ފުރުސަތުތަކެއް ހޯދުމަށް ލިބިދޭ ފުރުސަތެއް ކަމަށް ސެފްއެމް އިން ބުނެއެވެ.
އެގޮތުން އެކްސްޕޯގައި ބައިވެރިވާ އެކްޒިބިޓަރުންގެ ތެރޭގައި އެމްއެމް އެކްސްޕޯޓްސް، އެސްބީއައި، އައިލެންޑް ގުރޫޕް، މަރްވާ އިމްޕެކްސް، ސައިބާ ސެކިއުރިޓީ، ރައިން ސޯލާ، އެޑެކްސް އިންޑިއާ - މުމްބާއީ ޑައިވް ޝޯގެ އިތުރުން އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން އަދި ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީސް ހިމެނެއެވެ.
''ވަން އޮންލައިން'' އަކީ އިންޑިއާ އެކްސްޕޯ 2019ގެ އޮންލައިން މީޑިއާ ޕާޓްނަރެވެ.