ކޯލިޝަނާއެކު ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވަން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ކޯލިޝަނެއް އެކުވާ ކަމަށާއި އެކަމަކު ދުވަސްކޮޅެއް ނުވެ ކޯލިޝަން ރޫޅިގެންދާ ކަމަށެވެ. އެހެންނަމަވެސް މިފަހަރު ކޯލިޝަން ދެމެހެއްޓޭނެ ކަމަށް މޫސަ ގަބޫލުކުރައްވައެވެ.
"އެންމެ ފުރަތަމަ އެމްޑީޕީއާއެކު ކޯލިޝަނެއް ހަދައިގެން، ރައީސް މައުމޫން ފިޔަވާ އެންމެން އެއްވި. ގާސިމް ވެސް އެއްވި. ހަމަ އަދާލަތު ޕާޓީ ވެސް. ދުވަސްކޮޅެއް ނުވެ، ތަޅާފަ ވަރިވެއްޖެ. ހަމަ ތިން ފަށް ވަރިން ވަރި. ދެން އޭގެ ފަހުން އަނެއްކާވެސް އިނދެވޭކަށް ވެސް ނެތް. ދެން އަނެއްކާ ރައީސް ޔާމީނާއެކު ކޯލިޝަން ހެދީ. މިފަހަރު އަޅުގަނޑު ދަންނަވާނީ ކޯލިޝަންގެ ފުލް ސަޕޯޓް އިބޫއަށް ލިބިވަޑައިގަންނަވާނެއޭ. އަދި އިބޫއަށް އެނގޭނެ އެކަން ކުރަން،" އޭނާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި ދެކޮޅު ހެދި ހުރިހާ އެންމެން ޖަލަށް ދާން ޖެހުނު ކަމަށާއި އެފަދަ ކަންކަމުގައި ޖަލަށް ލައިގެން ނުވާނެ ކަމަށެވެ. އަދި މިފަހަރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމުންތައް ވަރުގަދަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް މައުމޫން ޖަލަށް ވަޑައިގަތީމަ ވެސް އަޅުގަނޑު ވަރަށް ދެރަވި. ދަރިންނާއެކު ޖަލުގައި ބައިންދާފަ ނުކުތީމަ، ދެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތައުބާވެވަޑައިގަންނަވާނެ. އެކަމަކު ސުވާލަކީ އެންމެން އެއްކޮށް ސަރުކާރެއް އުފެއްދުމަށްޓަކައި އެއްބަސްވެގެން އައިސް އުޅެންވެއްޖެ ނޫންތޯއޭ ފަސް އަހަރު ދުވަސް ވަންދެން،" އޭނާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ސްމާޓުވާނެ ކަމަށާއި އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހަށް ބަޔަކު އުނދަގޫތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެކަންކަމުން ވެސް އިބްރާހިމް މުހައްމަދު ސޯލިހު އަރައިވަޑައިގަންނަވާނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
"އިބޫ ވަރަށް ސްމާޓުވާނެ. އެކަމަކު އިބޫއަށް ވަރަށް އުނދަގޫތަކެއް ކުރިމަތިކުރަމުން އެބަގެންދޭ ބަޔަކު. އެކަމަކު އޭގެން ވެސް އިބޫ އަރާވަޑައިގަންނަވާނެ. އެމްޑީޕީގައި ވެރިކަމަށް ނުކުންނަން ދެއްކިއްޔާ ދެއްކި މީހަކު ހަތަރެސްފައި ބިންދާފަ ކުޑަކަކޫ ޖައްސާފަ ބޭތިއްބީ ޕާޓީގެ އެތެރެއިން. އިބްރާހިމް މުހައްމަދު ސޯލިހު އެގޮތަށް ނުކުމެވަޑައިގަތީމަ އަޅުގަނޑު މިދެންނެވީ ވަރަށް ސްމާޓޭ،" އޭނާ ވިދާޅުވިއެވެ.