ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ޔޫނިއަން، އެސްއެމްއީ އެންޑް އޯންޓްރަޕްރެނުއާ ފެޑެރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) އިން އިންތިޒާމްކޮށްގެން ރާއްޖޭގައި ބޭއްވި "އިންޑިއާ އެކްސްޕޯ 2019" އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޒިޔާރަތް ކުރައްވައިފިއެވެ.
ދަރުބާރުގޭގައި މިދިޔަ ތިން ދުވަހު ކުރިއަށްދިޔަ އެކްސްޕޯއަށް ޒިޔާރަތް ކުރައްވާ ރައީސް ނަޝީދު ވަނީ އެކްސްޕޯގައި ބައިވެރިވާ ބޭރުގެ ވިޔަފާރި ކުންފުނިތަކާއި ދިވެހި ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައިފައެވެ.
އެކްސްޕޯ ބައްލަވައިލެއްވުމަށްފަހު ''ވަން'' އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެކްސްޕޯގައި ވަރަށް ގިނައިން ތަފާތު ވިޔަފާރިވެރިން އެބަ ތިބި ކަމަށާއި ރާއްޖޭގެ ވިޔަފާރިވެރިންނާ ގުޅިގެން ބޭރުގެ ވިޔަފާރިވެރިންނަށް ހިންގޭނެ ކިތަންމެ ވިޔަފާރިއެއް ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންވެސް ތަކެތި ގަންނައިރު، ވިޔަފާރިވެރިންނާ ބައްދަލުކޮށް، ރަނގަޅު ތަކެތި ގަތުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
އިންޑިއާ ކުންފުނިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދިވެހިންނަށާއި ރާއްޖޭގެ ވިޔަފާރި މާކެޓަށް ދައްކާލުމަށް މިއަދުގެ ނިޔަލަށް ބޭއްވި "އިންޑިއާ އެކްސްޕޯ" އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މިއަދު ހަވީރު ޒިޔާރަތް ކުރައްވައިފައެވެ.
ފުޅާ ދާއިރާއެއްގައި ރާއްޖެއަށް އެކި ސާމާނު އެތެރެކުރާ އިންޑިއާގެ ކުންފުނިތައް ހިމެނޭގޮތުން ޖުމްލަ 16 ކުންފުންޏެއް ބައިވެރިވި މި އެކްސްޕޯއަކީ އިންޑިއާ ކުންފުނިތަކަށް ރާއްޖޭގެ މާކެޓުން އިތުރު ތަނަވަސް ފުރުސަތުތަކެއް ހޯދުމަށް ލިބިދޭ ފުރުސަތެއް ކަމަށް ސެފްއެމް އިން ބުނެއެވެ.
އެގޮތުން އެކްސްޕޯގައި ބައިވެރިވާ އެކްޒިބިޓަރުންގެ ތެރޭގައި އެމްއެމް އެކްސްޕޯޓްސް، އެސްބީއައި، އައިލެންޑް ގުރޫޕް، މަރްވާ އިމްޕެކްސް، ސައިބާ ސެކިއުރިޓީ، ރައިން ސޯލާ، އެޑެކްސް އިންޑިއާ - މުމްބާއީ ޑައިވް ޝޯގެ އިތުރުން އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން އަދި ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީސް ހިމެނެއެވެ.
''ވަން އޮންލައިން'' އަކީ އިންޑިއާ އެކްސްޕޯ 2019ގެ އޮންލައިން މީޑިއާ ޕާޓްނަރެވެ.