ޚަބަރު

މަދިނާ ބަސް އެކްސިޑެންޓްގައި ދިވެހި އެއްވެސް އުމްރާ ވެރިއަކަށް ގެއްލުމެއްނުވޭ: މިނިސްޓްރީ

އިބްރާހިމް ޒަކީ

އުމްރާވެރިން ގޮވައިގެން ދަނިކޮށް، މަދިނާގައި ހިނގި ބަސް އެކްސިޑެންޓްގައި ދިވެހި އެއްވެސް އުމްރާވެރިއަކަށް ގެއްލުން ވެފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އުމްރާވެރިން ދަތުރުކުރި ބަސް އެކްސިޑެންޓްގައި މިހާތަނަށް ބެލި ބެލުމުން ދިވެހި އެއްވެސް އުމްރާވެރިއަކަށް ގެއްލުމެއް ވެފައެއްނުވާކަމަށެވެ. އަދި ދިވެހި ހުރިހާ އުމްރާވެރިންގެ ހާލުރަނގަޅު ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މަދީނާގައި އިއްޔެ ހަވީރު ހިނގި މި ބަސް އެކްސިޑެންޓްގައި 35 އުމްރާވެރިން ވަނީ މަރުވެފައެވެ.

ސައުދީ އަރަބިއާގެ ރަސްމީ މީޑިއާ އިން ބުނެފައިވަނީ މި ބަސް އެކްސިޑެންޓްވީ ލޯޑަރެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި އެވެސް ދިވެއްސަކަށް ގެއްލުން ނުވިނަމަވެސް، އެކްސިޑެންޓުގައި މަރުވި މީހުންގެ ތެރޭގައި އޭޝިއާ އާއި އަރަބި ގައުމުތަކުގެ މީހުން ހިމެނޭ ކަމަށް ނޫހުން ބުނެފައިވެއެވެ.

އެކްސިޑެންޓަށް ފަހު ބަހުގައި އަލިފާން ރޯވެފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ.

އެކްސިޑެންޓުގައި 35 މީހުން މަރުވިއިރު، އަނިޔާވި ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ.

ސައުދީ ސަރުކާރާ ހަވާލާދީ މީޑީއާތަކުން ބުނެފައިވަނި އެކްސިޑެންޓުގެ ތަހުގީގު ފުލުހުން ފަށާފައިވާ ކަމަށެވެ.