ޚަބަރު

ބޮޑުފުޅަދޫ މިސްކިތް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

އއ. ބޮޑުފުޅަދޫގައި ސަރުކާރުން އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް މާރިސް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޒާހިރެވެ.

މިސްކިތް އިމާރާތްކުރަން މާރިސް ކުންފުންޏާ ހަވާލުކުރީ 4،322،324.94 ރުފިޔާއަށެވެ. އެއްބަސްވުމުގައިވާ ގޮތުން އެމަސައްކަތް ނިންމަން ޖެހެނީ 210 ދުވަސް ތެރޭގައެވެ.

އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ ބޮޑުފުޅަދޫގައި އިމާރާތްކުރާ އެމިސްކިތަކީ ރައީސް ސޯލިހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ މިސްކިތެއް ކަމަށެވެ. އެގޮތުން ދީނީ ކަންކަމަށް އިސްކަން ދިނުމާއި ފަސޭހައިން ދީނީ ކަންކަން ކުރެވޭ ގޮތައް މަގުފަހިކޮށްދިނުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިސްކިތް އިމާރާތް ކުރުމުގައި ރައިސް ސޯލިހު ބައްލަވާފައިވަނީ އެންމެ ބޮޑަށް ދަތިވެފައިވާ ރަށްރަށުގައި މިސްކިތް އިމާރާތް ކުރުމަށް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް ދުވަސްތަކުގައިވެސް މިސްކިތް އެޅުމުގެ ވަރަށް ގިނަ އެއްބަސްވުންތަކުގައި ސޮއިކުރުމާއި މިސްކިތުގެ ބިންގާ އެޅުން އޮންނާނެ ކަމަށާއި މިއަހަރުގެ ތެރޭގައި އެމަސައްކަތް ކުރާނެ ކަމަށެވެ.

އަދި ބޮޑުފުޅަދޫގައި މިސްކިތެއްގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެއްބަސްވުމުގައިވާ މުއްދަތަށް މިސްކިތުގެ މަސައްކަތް ނިންމައިދިނުމަށް ކޮންޓެކްޓަރުގެ ކިބައިން އެދިވަޑައިގެންފައެވެ.