ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން (ސައިވާކް) ގެ އަށްވަނަ ގަވަނިން ބޯޑު މީޓިން ރާއްޖޭގައި މިއަދު ފަށައިފިއެވެ.
ސައިވާކްއާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މިއަދު ފެށި މި ބައްދަލުވުމަކީ މި މަހުގެ ނަވާރައަށް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
ހުޅުމާލޭ ޔޫތު ސެންޓަރުގައި ކުރިއަށްދާ މި ބައްދަލުވުމުގެ މަގުސަދަކީ ސައިވާކް މޫވްމަންޓްގެ ފަރާތުން ހާސިލުކުރަމުން ދާ ކުރިއެރުންތަކާއި، ކުރިމަތިވާ އެކި ބާވަތްތަކުގެ ގޮންޖެހުންތަކާ ގުޅޭ ގޮތުން މެންބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް، ސައިވާކްގެ ހަތްވަނަ ގަވަނިން ބޯޑު މީޓިންގައި ނިންމުނު ކަންތައްތައް ހާސިލުކުރުމުގައި ހޯދިފައިވާ ކުރިއެރުންތައް ދެނެގަތުމާއި، އަދި ފަސް ވަނަ ސައިވާކް މިނިސްޓީރިއަލް މީޓިންގެ ލަނޑުލަނޑިތަކާއި ތައްޔާރީތަކާ ގުޅޭ ގޮތުން ހިޔާލު ބަދަލުކުރުމެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ހުރިހާ ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ދިވެހިރާއްޖޭގައި މި ބައްދަލުވުން ބޭއްވޭ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މި ބައްދަލުވުމާ ގުޅޭ ޕްރީ-ޓެކްނިކަލް ސެޝަނެއް އިއްޔެ ކުރިއަށް ގެންގޮސްފައިވެއެވެ.
ސައިވާކްއަކީ ދެކުނު އޭޝިއާގައި ދިރިއުޅޭ ކުޑަކުދިން އެކި ބާވަތްތަކުގެ އަނިޔާ، ހާނިއްކަ، ނަހަމަ ގޮތުގައި ބޭނުންކުރުން، އިހުމާލުވުން އަދި ނަސްލީ ތަފާތުކުރުމުން އެއްކިބާވެފައިވާ މާހައުލެއްގައި ބޮޑުވުމުގެ ހައްގު ތަނަވަސްކޮށްދިނުމުގެ ތަސައްވުރުގައި ސާކްގެ މެންބަރު އަށް ގައުމުގެ މައްޗަށް އުފެދިފައިވާ އިންޓަރ-ގަވަރމެންޓް ސާކް އެޕެކްސް ބޮޑީއެކެވެ.