ޚަބަރު

ކުޑަހުވަދޫ އާއި ހުޅުދެއްޔަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ އާއި ހުޅުދެއްޔަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު ހުޅުދެއްޔަށެވެ.

ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އޮންނާނީ އިސްލާމްދީންކަމަށާއި ދީނަށް ގޮންޖަހައި، ބަދުބަސްބުނެ، ކީރިތި ރަސޫލުﷲ صلّى اللّه عليه وسلّمއަށް މަލާމާތްކުރުމަށް ސަރުކާރުން ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ހަމައެހެންމެ އިސްލާމް ދީނުގެ ނަމުގައި ފިތުނަފަސާދަ އުފެއްދުމަށް ވެސް ޖާގަ ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހުޅުދެލީގެ ތަރައްގީއަށް ކުރިޔަށްގެންދެވޭ ބައެއް މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުދެއްޔަށް ކުރެއްވި މި ޒިޔާރަތުގައި އެރަށުގެ ކައުންސިލާއ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ކުރެވޭ ކަންކަމުގެ މަޢުލޫމާތާއި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫއަށް ކުރެއްވި މި ޒިޔާރަތުގައި އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ އަދި ދ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި ދ. އަތޮޅާއި ކުޑަހުވަދޫގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގެ މަޢުލޫމާތާއި އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަރަކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރޭ ބޭއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކޮށްދޭ ނުރައްކާތެރި އާދައެއްކަން ފާހަގަކުރައްވާ، މިކަމުގެ ނުރައްކާ ނައްތާލަން އަތޮޅު ހޮސްޕިޓަލުތަކުން މުހިއްމު ދައުރެއް އަދާކުރެވޭނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދ. އަތޮޅު ސިއްހީ ހިދުމަތުގެ ތާރީޚަށް ބައްލަވާލެއްވުމުގެ އިތުރުން ސަރުކާރުން ދ.އަތޮޅު ހޮސްޕިޓަލުގެ ކުރިމަގަށް ރާއްވަވާފައިވާ ކަންކަމާއި މުޅި ކުޑަހުވަދޫގެ ތަރައްގީއަށް ރާއްވަވާފައިވާ ކަންކަމާބެހޭ ބައެއް ތަފްސީލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގައި ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް މިއަދު ހެނދުނު ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. އެ ހޮސްޕިޓަލުގައި މިހާރު ފޯރުކޮށްދޭ ސްޕެޝަލިސްޓް ޚިދުމަތްތަކުގެ ތެރޭގައި އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި، އޮޕަރޭޝަން ޑޮކްޓަރަކާއި، އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ހިމެނެއެވެ.

ރައީސުލްޖުމްހުރިއްޔާ މިއަދު ވަނީ ކުޑަހުވަދޫގެ މުއައްސަސާތަކުގެ އިސް ވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.