ޝަހީދާ އަބްދުﷲ ސައީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް، މަހާޒު އަލީ ޒާހިރާއި، ދިޔާނާ ސައީދުގެ ނަންފުޅު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް ގދ. މަޑަވެލި، މޭނާ މަހާޒު އަލީ ޒާހިރު އާއި ސ. ހުޅުދޫ، ގޯރަންވިލާ ފާތިމަތު ދިޔާނާ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާކަމަށެވެ.
ގާޒީ މަހާޒާއި ދިޔާނާގެ ނަން މަޖިލީހަށް ފޮނުއްވި އިރު އެންމެ ފުރަތަމަ މަޖިލީހަށް ފޮނުއްވީ މަހާޒުގެ ނަމެވެ. ނަމަވެސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުށަހެޅި ގިނަ ބައެއްގެ ތެރެއިން ޖޭއެސްސީން ވަނީ މަހާޒާއި ދިޔާނާގެ ނަން މަޖިލީހަށް ފޮނުވަން ރައީސަށް ލަފާ ދެއްވައިފައެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު ޖޭއެސްސީން ރައީސްއަށް "ހައިލީ ރިކޮމެޑް" ކޮށްފައިވަނީ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދާއި، ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ފެންނަ ކަމަށެވެ.
އޭގެ އިތުރުން ފަނޑިޔާރު ކަމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ޖޭއެސްސީން އިންޓަވިއު ކުރި ބޭފުޅުންގެ ނަންތަކަށްވެސް މަޖިލީހުގައި ވޯޓަށް އަހާނެއެވެ. ސުޕްރީމް ކޯޓަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރު ހައި ކޯޓުގައި މަސައްކަތްކުރައްވާ ތިން ފަނޑިޔާރުން ކަމުގައިވާ ޝުއައިބު ހަސަން ޒަކަރިއްޔާ އާއި މުހައްމަދު ނިޔާޒާއި އަލީ ސަމީރު ހިމެނެއެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.