ޚަބަރު

ގެއްލޭ ކުދިން ހޯދަން އާއްމު ކުރާ ފޮޓޯ، ސޯޝަލް މީޑިއާއަށް ދިޔުން ހުއްޓުވަން ގާނޫނުގައި ހިމަނަން ހުށަހަޅައިފި

އިބްރާހިމް ޒަކީ

ގެއްލިގެން ހޯދަން އާއްމު ކުރާ ކުޑަކުކުދިންގެ ފޮޓޯ ސޯޝަލް މީޑިއާ އަށް ދިއުމުގެ ކުރިން، އެ ފޮޓޯ އާއްމު ކުރާ ވެބްސައިޓަކުން ނަގަންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅަން ހުށަހަޅައިފިއެވެ.

އެގޮތަށް ގާނޫނަކުން ކަނޑައަޅަން ހުށަހަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަަލުވުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓުންނެވެ.

ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިއަދު ކުރިއަށް ދިޔައީ ކުޑަކުދިންގެ ބިލާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބިލު ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކުން އެބިލަށް ގެންނަންބޭނުންވާ އިސްލާހުތަކާބެހޭކޮތުން ކުރިއަށް ގެންދިޔަ ބަހުސްގައެވެ.

އެ ބަދަލު ގާނޫނުގައި ހިމަނަން ހުށަހަޅަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނީ، ގެއްލިގެން ހޯދަން އާއްމުކުރާ ކުޑަކުދިންގެ ފޮޓޯ ސޯޝަލް މީޑިއާއަށް ލައިގެން އެކުއްޖާގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށެވެ. އެގޮތުން އެ ފަދަ ކުތިންގެ މައުލޫމާތު އެކި ގޮތްގޮތަށް ހާމަކޮށް ކުދިންނަށް އަމާޒުކޮށްގެން އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި އެތައް ދުވަހެއްވިޔަަސް އެކަން ކުރިއަށްދާ ކަމަށް އެފަރާތުން ފާހަގަ ކުރިއެވެ.

ޖޭޖޭޔޫ އިން ގާނޫނުގައި އެގޮތަށް ކަނޑައެޅުމަށް ހުށަހެޅުމުން ކޮމިޓީގައި އިންނެވި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ވިދާޅުވީ، ގެއްލޭ ކުއްޖަކާބެހޭގޮތުން އެންމެ މުހިއްމު ވަނީ އެކުއްޖާ ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ. އެހެންކަމުން ފޮޓޯ އާއްމު ކުރުމާ ބެހޭބައި މީޑިޔާއާބެހޭ ގާނޫނުގައި ހިމެނުން ރަނގަޅުވާނެ ކަމަށްވެސް އޭނާވިދާޅުވިއެވެ.

ނަމަވެސް މީޑިއާއާބެހޭ ގާނޫނެއްގައި އެބައި ހިމެނި ނަމަވެސް ކުޑަކުދިންނާބެހޭ ގާނޫނުގެ ދަށުންގެ އެބައި އަންނަންޖެހޭކަމަށް ވިދާޅުވެ އެގައި އެ ގާނޫނުތަކުގައި ހިމެނުމަށް ޖޭޖޭޔޫއިން ހުށަހެޅުއްވިއެވެ.