ޝަހީދާ އަބްދުﷲ ސައީދު
މާލޭ ފަޅު ބޭރުގައި ދެ ލޯންޗް ޖެހި، ހިނގި އެކްސިޑެންޓްގައި ކުޑަ ކުއްޖަކާއި އިތުރު ތިން މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭގެ ފަޅު ބޭރުން ދެ ލޯންޗް ޖެހި އެކްސިޑެންޓްވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 10:08 ހާއިރު ކަމަށެވެ. އެހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެމީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނި ނަމަވެސް، ފަހުން ފުލުހުން ބުނެފައިވަނީ އެހާދިސާގައި ހަތަރު މީހަކަށް އަނިޔާވި ކަމަށެވެ. އޭގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.
ފުލުހުން ބުނީ 17 އަހަރުގެ ކުއްޖާގެ އިތުރުން 28 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. ތިން ފިރިހެނުންގެ ތެރެއިން ބޮޑަށް އަނިޔާވެފައިވަނީ 50 އަހަރުގެ މީހާއަށް ކަމަށް ފުލުހުން ބުންޏެވެ.
އަދި 50 އަހަރުގެ މީހާއަށް އޮބްޒަވޭޝަނުގައި ފަރުވާ ދެމުންދާއިރު އަނެއް ތިން މީހުންނަށް ކުދި އަނިޔާތައް ލިބިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ ދެ ލޯންޗް ދުއްވި ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮންނަ ކަމަށާއި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށެވެ.