ސަރުކާރުން އަތޮޅުތައް ތަރައްގީކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ދ. ހުޅުދެލީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެއަތޮޅު ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ހުޅުދެލީ ކައުންސިލަރުން ވަނީ މިއަހަރުގެ ކުރީކޮޅު ރައީސް ސޯލިހާއި ބައްދަލުކުރައްވައި އެރަށުގެ ބަނދަރުގެ ދަތިކަމާއި އަދި އެރަށު ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.
އިއްޔެ އެރަށުގެ ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، އެރަށުގައި މިހާރު އޮތް 300 ފޫޓުގެ ބަނދަރަށް އިތުރު 300 ފޫޓުގެ ސަރަހައްދެއް އިތުރުކޮށްދެއްވާނެ ކަމަށެވެ.
އެގޮތުން އެމަސައްކަތް ބިޑަށް ހުޅުވާލައި ބިޑް އިވަލުއޭޓްކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރާއިރު، ރައްޔިތުން ބޭނުންވާ އިތުރު ބަދަލުތައްވެސް ބަނދަރަށް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެއިތުރުން ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ސާފު ބޯފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ގާއިމު ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މަސް ކިރުވުމަށް ހުރި ދަތިތައް ކައުންސިލުން ފާހަގަކުރުމުން އެމަނިކުފާނު ވިދާޅުވީ، އެ ސަރަޙައްދުގައި މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސުމާއި ގުޅޭގޮތުން މިފްކޯއާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ.