ޚަބަރު

ޓެކްސް ކޮމިޝަނަރާއި ޑެޕިއުޓީކަމަށް އައްޔަންކުރަން ފޮނުއްވި ބޭފުޅުންގެ ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ހުޅުވާލައިފި

އިބްރާހިމް ޒަކީ

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބޭފުޅުންނާމެދު ޝަކުވާއެއް އޮތްނަމަ ހުށަހަޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، އެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން އެ ނަންތައް ދިރާސާ ކުރަމުންދާއިރު، އެ ބޭފުޅުންގެ ޝަކުވާއެއް އޮތްނަމަ އެކަމެއް ފާހަގަ ކޮށް ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ޝަކުވާ އޮތް ބޭފުޅުން، ހޯމަ ދުވަހުގެ 2:00 ގެ ކުރިން، އެބޭފުޅެއްގެ ނަމާއި ދާއިމީ އެޑްރެސް އާއި ގުޅޭނެ ފޯނުނަމްބަރެއް އެނގޭނެ ގޮތަށް ކޮމިޓީގެ އީ-މެއިލް އެޑްރެސް mv.gov.majlis@committee އަށް މެއިލް ކުރުން ނުވަތަ މަޖިލީހުގެ އިދާރާއަށް ސިޓީ ފޮނުއްވުމަށް މަޖިލީހުގެ އިދާރާއިން އެދިފައިވެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރުމަށް އާއްމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމުތަކަށް ޝަރުތު ހަމަވާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުއްވައިފައެވެ.

އެ ލިސްޓުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ދެ ބޭފުޅުންގެ ނަން މަޖިލީހަށް ވަނީ ފޮނުއްވައިފައެވެ.

އެއީ ފަތުހުﷲ ޖަމީލް ތ. ތިމަރަފުށި ފިނިފެންމާގެ އާއި އިސްމާއިލް ނާޝިދު ހ. ސެނާ އެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ހަ ނަންފުޅެއް ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

މުހައްމަދު ސިރާޖު މުނީރު، ދަޑިމަގު ނިއުލައިޓް، ޏ. ފުވައްމުލައް،

އަސްމާ ޝަފީއު ހއ. އިހަވަންދޫ ވައިޖެހޭގެ

އިސްމާއިލް ސާޖިދު، މއ. ވިލާރޮދި

އަހްމަދް ޝަރީފް، ނ. މަނަދޫ އަނބުގަސްދޮށުގެ،

އަހްމަދު ވާފިރު، ވ. އެލަމް

ހަމްދީ އަގީލް، ހ .ރަންގިލި

މިބޭފުޅުންގެ ތެރެއިން ކަނޑައަޅާފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމާމެދު މަޖިލީހުން ގޮތެއް ކަނއަޅާނީ، އެ ނަންފުޅުތައް ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ފޮނުވުމުންނެވެ.