ޚަބަރު

ލޯންޗް އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ކަނޑުމަތީގައި ދެ ލޯންޗް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، މާލޭގެ ފަޅު ބޭރުން ދެ ލޯންޗް ޖެހި އެކްސިޑެންޓްވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 10:08 ހާއިރު ކަމަށެވެ. އެހާދިސާގައި އަނިޔާވެފައިވަނީ ދިވެހި އަންހެނަކާއި ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. އަދި އެދެ މީހުންނަށްވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ''ވަން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ދެމީހަކަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާކަމަށާއި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި ލިބުނު އަނިޔާގެ ތަފްސީލް އަދި އެނގިވަޑައި ނުގަންނަވާ ކަމަށާއި ޑޮކްޓަރުން މިވަގުތު އެ ދެމީހުންްނަށް ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ.