ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާދޭ ކުލިނިކެއް ހުޅުވައި ދެއްވައިފިއެވެ.
މި ކުލިނިކު ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ކުލިނިކު ހުޅުވައި ދެއްވުމަށްފަހު އެމަނިކުފާނު ވަނީ އެތަން ބައްލަވައިލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ކުޑަހުވަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވަވާ ދަތުރެކެވެ.
ދަތުގެ ފަރުވާ ދޭ ކުލިނިކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ވަޑައިގެން އުޅުއްވާ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ހިދުމަތުގައި 25 އަހަރު ހޭދަކުރެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
ރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދ. އަތޮޅުގައި ސިއްހީ ހިދުމަތް ދިނުމުގައި އެދުވަސްވަރު ކުރި މަސައްކަތް ފާހަގަކުރައްވާފައި ވެއެވެ. އަދި އެއަތޮޅަކީ އޭރު ރާއްޖޭގައި ސިއްހީ ހިދުމަތް ދޭންފެށި ހަތަރުވަނަ އަތޮޅުކަން ފާހަގަކުރެއްވިއެވެ.