ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު އެޖެންޑާ 19 ތަންފީޒުކޮށްދެމުން ދާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ޖޭއެސްސީ މިހާރު ފެނިގެންދަނީ އެމްޑީޕީގެ ބެންޗެއްގެ ގޮތުގައި ކަމަށާއި އެ ކޮމިޝަނުން މިހާރު ކުރާ ކަމަކީ އެމްޑީޕީގެ އެޖެންޑާ 19 ތަންފީޒު ކުރުން ކަމަށެވެ.
''އެމްޑީޕީގެ ބެންޗަކަށް ޖޭއެސްސީ މިއަދު ވެގެންގޮސް، ޖޭއެސްސީން އެޖެންޑާ 19 ތަންފީޒުކުރަން ޖުޑިޝަރީގެ ތެރޭގައި ހިންގާ މި ހަރަކާތްތަކުގެ ނަތީޖާއަކަށް ވެގެންދަނީ ދިވެހި ރާއްޖެ އިތުރަށް ފުންވަޅުގަނޑަކަށް ވެއްޓިގެން ދިއުން. މިފެންނަނީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް އަންގަމުންދާ މަންޒަރު. އެކަމަށް ބޯ ނުލަބާ ފަނޑިޔާރުން މަގާމުތަކުން ދުރުކުރަން މަސައްކަތް ފަށާފައިވާ މަންޒަރު މިފެންނަނީ.'' ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މަޖިލިސް ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރާ މަސައްކަތުގައި އިދިކޮޅު މެންބަރުން ކިތަންމެ މަދު ނަމަވެސް، އެކަން އުޒުރަކަށް ހަދައިގެން ސިޔާސީ ހަރަކާތްތަކުގެ އަޑު މަޑުކޮށްގެން ނުތިބޭނެ ކަމަށެވެ.
އަދި ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅަމުންދާ ފިޔަވަޅުތަކުގެ ބޭނުމަކީ އިސްލާމީ ޝަރީއާ އަށް ހާއްސަ ވެފައި ތިބި ފަނޑިޔާރުން މަގާމުން ދުރުކޮށް، އެމްޑީޕީން ބޭނުންވާ ބަޔަކު އައްޔަން ކުރުން ކަމަށާއި އެކަންކަމަށް އިދިކޮޅު ކޯލިޝަނުން ޖާގަ ނުދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
''އަޅުގަނޑުމެންނަށް މި ފެންނަނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ޖުޑިޝަރީ ތެރެއަށް ސަރުކާރުން އަތް ބޭނުމުގެ ސަގާފަތެއް ތައާރަފްވެފައިވާތަން. ވަކިވަކި ފަނޑިޔާރުންނަށް ގުޅާ ވަކި ގޮތްގޮތަށް ކަންކަން ނިންމުމަށް ސަރުކާރުން ކަންކަން ކުރަމުންދާތަން. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް އެ ސަގާފަތް ނެރުއްވައިގެން އުޅުއްވާތަން ފެންނަމުން މިދަނީ.'' ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެމްޑީޕީއަށް އޮޅިފައި އޮތް ނަމަވެސް ރާއްޖެއަކީ ތިން ބާރު ވަކިކުރެވިފައިވާ ގައުމެއް ކަމަށެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރާ އެހެނިހެން ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ކަމަށް ބުނެ މިއަދު ހިންގަމުން ދަނީ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށެވެ.