ޚަބަރު

ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ރައީސް ނަޝީދު ނުފޫޒު ފޯރުވާކަމުގެ ހެކި އެބަހުރި: އިދިކޮޅު

ޝަހީދާ އަބްދުﷲ ސައީދު

ޚޯޓުގައި ތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވަކި ގޮތަކަށް މައްސަލައިގެ ހުކުމް އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވާފައިވާކަމުގެ ހެކި އެބަހުރި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ރައީސް ނަޝީދު ސީދާ ނުފޫޒު ފޯރުވާކަމަށް މައުލޫމާތު ލިބިފައި އެބަހުރި ކަމަށެވެ.

''ދިވެހި ރައްޔިތުންނަށް މިދަންނަވަނީ ތޯތޯ ވާހަކައެއްނޫން. މިކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައި އެބަހުއްޓޭ، މިޕާޓީގައި މިތިއްބެވި ނައިބު ރައީސުންގެ އަތުގައި އެބަހުއްޓޭ އެމައުލޫމާތު އެމަނިކުފާނު ސީދާ އަތްބާނާފައި ހުކުމު ތެރެއަށް ނޫނީ ވަކި ގޮތަކަށް މައްސަލަ ނިންމުމަށް. ޓެކްސްޓް ކުރައްވަނީ އިނގޭތޯ މެސެޖު ކުރައްވަނީ. އެހެންވީމަ މިއޮތީ އަޅުގަނޑުމެން ވެރިކަމުގައި އޮތްއިރު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ތުހުމަތުކުރި ޖުޑިޝަރީއަތް އަޅުގަނޑުމެން އަތްބާނާ ވާހަކަ. އެކަމު އަޅުގަނޑުމެންނަށް މިއަދު ''ހެކި'' މައުލޫމާތު ލިބިފައި އެބަހުރި އެމަނިކުފާނު މެސެޖު ފޮނުއްވާފައި މިވެނި ގޮތަކަށް މިވެނި ކަމެއް ކުރުމަށް ނުފޫޒު ފޯރުވަން.'' ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިހާރު ފެންނަމުން މިދަނީ ހުޅަނގުގެ މީހުން ބޭނުންވާ ގޮތަށް ރާއްޖޭގެ ޖުޑިޝަރީ ބަދަލުކުރަން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. އަދި ޖޭއެސްސީގެ މެމްބަރުން އަމަލު ކުރަމުންދަނީ ރައީސް ނަޝީދު އަމަލުކުރައްވާ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ބެލުމުގެ އެއްވެސް ހައްގެއް ޖޭއެސްސީއަށް ލިބިގެންނުވާ ކަމަށާއި އެ ކޯޓުން ނިންމާ ނިންމުންތަކުގެ މައްސަލަތައް ބެލެންޖެހޭނެ ކަމަށް ޖޭއެސްސީގެ މެމްބަރުންނަށް ގަބޫލުކުރެވޭނަމަ އެ މައްސަލަ ބަލަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

''އަޅުގަނޑުމެން މި ދަންނަވަނީ ކެނެރީގޭ ތެރެއިން ކޯޓުތަކުން ނިންމާ ނިންމުން ނުވަތަ ހުކުމް ޕްރިންޓްވެގެން އަންނަތަނަކަށް ކެނެރީގެވާކަށް އަޅުގަނޑުމެންނެއް ޖާގައެއް ނުދޭނަމޭ. ޖުޑިޝަރީއާ ކުޅެންޏާ އަޅުގަނޑުމެން މަގުމައްޗަށް ނުކުންނާނަމޭ. ނުކުތީމަ ވާގޮތް އެބޭފުޅުންނަށް ވެސް ފެންނާނެ.'' ޝުޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީގެ އިހުލާސްތެރިކަމެއް ހުރިނަމަ، ރާއްޖޭގައި ކޯޓެއްގެ ފަނޑިޔާރަކު ވަގަށް ނެގި މައްސަލަ ބަލަންޖެހޭނެ ކަމަށެވެ. އަދި އެމައްސަލަ ކޯޓުން ބޭރުކޮށްލީ އަލުންތަހުގީގު ކުރުމަށް ކަމަށްވާއިރު އެކަން ބަލަންޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.