ޝަހީދާ އަބްދުﷲ ސައީދު
ދ. އަތޮޅުން ހާލު ބޮޑު ބަލި މީހުން، އަވަސް ފަރުވާއަށް މާލެ ގެނައުމަށް، އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި މިވަނީ، ކުޑަހުވަދޫއަށް އެމަނިކުފާނު މިއަދު ކުރެއްވި ޒިޔާރަތުގައި އެރަށުގެ ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ވައިގެ މަގުން ބަލި މީހުން މާލެއަށް ދަތުރުކުރުމުގައި ހުރި ގޮންޖެހުންތަކާގުޅޭ ގޮތުން ކައުންސިލުން ރައީސްއާ މަޝްވަރާކުރައްވާފައި ވަނިކޮށެވެ.
ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިއްހީ ގޮތުން ދ. އަތޮޅަށް ވެސް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބަލި ހާލު ބޮޑު މީހުން މާލެ ގެނައުމަށް ހުރި ދަތިތައް ކަމަށެވެ. އެގޮތުން ވައިގެ މަގުން ބަލި މީހަކު މާލެ ގެނައުމަށް ދަތިތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
''އިރާދަކުރެއްވިއްޔާ މިއަދު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި ގޮތަށް އެކަމަށް އަވަސް ހައްލެއް ގެނައުމުގެ މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން,'' ރައީސް ވިދާޅުވިއެވެ.
ދ. އަތޮޅު ސިއްހީ މަރުކަޒަކީ ރާއްޖޭގައި ހަތަރު ވަނައަށް ހިދުމަތް ދޭންފެށި ސިއްހީ މަރުކަޒުކަން ފާހަގަކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ ދ. އަތޮޅު ސިއްހީ މަރުކަޒަކީ ހިދުމަތުގައި ވަރަށް ކާމިޔާބު ސިއްހީ މަރުކަޒެއް ކަމަށެވެ. އަދި ސިއްހީ މަރުކަޒުގައި ހިދުމަތް ދިނުމުގައި މަސައްކަތް ކުރެއްވި ފަރާތްތަކަށް ރައީސް ޝުކުރު ދެންނެވިއެވެ.
އަދި ވިދާޅުވީ، ސިއްހީ ހިދުމަތަށް ބަލާއިރު ރާއްޖޭގައި މިއަދު އެންމެ ބޮޑަށް އިތުރުވަމުންދަނީ ގައިންގަޔަށް ނާރާ ބަލިތައްކަމަށާއި މިއީ ދިރިއުޅުމުގެ އަމަލުތައް ހުންނަ ގޮތުން ކުރިމަތިވާ ސިއްހީ މައްސަލަތައް ކަމަށެވެ.