ޝަހީދާ އަބްދުﷲ ސައީދު
މި ސަރަހައްދުގެ އާބަން ސެންޓަރެއްގެ ގޮތުގައި ކުޑަހުވަދޫ ތަރައްގީ ކުރައްވާނެ ކަމަށް ރައީސުލްްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުޑަހުވަދޫއަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ފައްކާވެފައި އޮތް ރަށެއް ކަމަށެވެ.
އެގޮތުން ރަށުގެ ރަޖިސްޓްރީގައި ތިބި މީހުންނަށްވުރެ ގިނަ މީހުން އެރަށުގައި ދިރިއުޅޭ ކަމަށާއި ފަތުރުވެރިކަން ވެސް އަތޮޅުގައި އޮތްއިރު އަތޮޅުގައި އެކަށިގެންވާ އާބާދީއެއް ވެސް އެބަ އޮތް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ތަރައްގީގެ ޕްލޭނުގައި އެ ސަރަހައްދުގައި ގާއިމްކުރާ އާބަން ސެންޓަރު ކުޑަހުވަދޫގައި ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
''މިރަށަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ފައްކާވެފައި އޮތް ރަށެއް. ވަސީލަތްތައް އެބަހުރި. އެކަށިގެންވާ އާބާދީއެއް ވެސް އެބައޮތް. މިހާރު ވެސް ރަަޖިސްޓްރީއަށްވުރެ ގިނަ މީހުން މިރަށުގައި އެބަ ދިރިއުޅޭ. މަސްވެރި އަދި ފަތުރުވެރިކަން ވެސް ފުޅާކޮށް މިއަތޮޅުގައި އެބަ އޮތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތަރައްގީގެ ޕްލޭނުގައި މިސަރަހައްދުގައި ގާއިމްކުރާ އާބަން ސެންޓަރެއްގެ ގޮތުގައި މިރަށް ތަރައްގީ ކުރާނަން. އަދި އާބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް މިރަށުގައި ގާއިމް ކުރެވިގެންދާނެ,'' ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ އިތުރަށް ވިދާޅުވީ، ކުޑަހުވަދޫގައި އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ތަރައްގީ ކުރުމުގެ އިތުރުން ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި މަގު ހެދުމާއި ފެރީ ޓާމިނަލް ހެދުމާއި ޒަމާނީ މަސްމާރުކޭޓަކާއި އަދި އަތޮޅުގެ މީހުން ބާނާ މަސް ފަސޭހައިން ގަނެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި ޒުވާނުންނަށް ބޭނުންވާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށާއި އެގޮތުން އެރަށުގައި ރަނގަޅު ފެންވަރުގެ ޒޯން ސްޓޭޑިއަމެއް ވެސް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެ ކަމަށެވެ.