ޚަބަރު

ސަރުކާރުގެ ސިއްހީ ސިޔާސަތު ތަންފީޒު ވެގެންދާއިރު އަތޮޅުތަކަށް ހީނުކުރާފަދަ ހެޔޮ ބަދަލުތައް އަންނާނެ: އަމީން

ޝަހީދާ އަބްދުﷲ ސައީދު

1

ސަރުކާރުގެ ސިއްހީ ސިޔާސަތު ތަންފީޒު ވެގެންދާއިރު އަތޮޅުތަކަށް ހީނުކުފާދަ ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދ. އަތޮޅު ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ސަރުކާރުން ވަރަށްގިނަ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށެވެ. އެގޮތުން ދ. އަތޮޅު ހޮސްޕިޓަލު އިމާރާތްކޮށް ނިމި ހިދުމަތް ދޭން ފަށާއިރު ސަރަހައްދީ އެންމެ ބޮޑު ހޮސްޕިޓަލަށް އެހޮސްޕިޓަލު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ހިދުމަތް ފުޅާކުރުމުގެ ސިޔާސަތުތައް ފެށިގެން އަންނަ އިރު އަތޮޅުތަކުގައި ސިއްހީ ގޮތުންނާއި އުމްރާނީ ގޮތުން ގެންނަޖެހޭ ބަދަލުތައް ގެނައުމަށްޓަކާ މުހިންމު މަސައްކަތްތަކެއް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން ވަރަށް ގިނަ މަސައްކަތް ފެށިފައިވާކަން ފާހަގަކުރެއްވިއެވެ.

''ހާއްސަކޮށް ސިއްހީ ހިދުމަތަށް މިއަހަރު ވަރަށް ބޮޑު ހޭދައެއް ސަރުކާރުން ކުރޭ. އުމްރާނީ ގޮތުން އަންނަ ބަދަލުތައް ރާއްޖޭގެ ހިސާބުތަކުން ފެންނާނެ. އިންސާނީ ވަސީލަތް ހަމަކުރުމާއި އިންސާނީ ވަސީލަތުގެ ފެންވަރު ރަގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ހެޔޮ ބަދަލު ރާއްޖޭގެ އެކި ސަރަހައްދުތަކުން ހީވެސް ނުކުރާވަރަށް ފެންނާނެ. މިއީ ޝައްކެތްނެތް ކަށަވަރުކުރާނެ ކަމެއް.'' މިނިސްޓަރު އަމީނު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ހިދުމަތަށް ސަރުކާރުން އެހާމެ ބޮޑު އިސްކަމެއް ދޭންޖެހުނީ ޒަމާނުއްސުރެ އަތޮޅުތަކަށް އެންމެ އެދެވޭގޮތެއްގައި އެކަށީގެންވާ މިންވަރަށް ސިއްހީ ހިދުމަތް ނުދެވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންސާނީ ވަސީލަތްތައް ދިނުމާއި ވަސީލަތްތައް ހޯދުމަކީ އަބަދުވެސް މެދުކެނޑުމެއްނެތި ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އިންސާނުން ދިރި ދެމިތިބިހާ ހިނދަކު އެވަސީލަތް ތަރައްގީ ކުރުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ 2020 ވަނަ އަހަރަކީ ސަރުކާރުން އާންމު ސިއްހަތުގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރުކަން ފާހަގަކުރައްވާފައެވެ. ސިއްހީ ދާއިރާއަކީ ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ ދާއިރާއެއްކަން ފާހަގަކުރައްވާ މިނިސްޓަރު އަމީނު ވިދާޅުވީ، މިދާއިރާއަށް ވޭތުވެ ދިޔަ ތަނުގައި އިހުމާލެވެފައިވާކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުތަކުން މިދާއިރާއަށް އުމްރާނީ ތަރައްގީ ގެނައުމަށް މަސައްކަތްކޮށްފައިވާއިރު، އާންމު ސިއްހަތަށް މަސައްކަތް ނުކުރެވިވާކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟