ޚަބަރު

އެމްޑީއެންގެ ރިޕޯޓު ތައްޔާރުކުރަން ފަންޑުކުރި މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ: ޑރ. ޝަހީމު

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާ ހިލާފު ވާހަކަތައް ހިމަނައިގެން ރިޕޯޓު ނެރެން ފަންޑުކުރި މީހުންގެ މައްޗަށް ފުރިހަމަ ތަހުގީގެއް ހިންގައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ އެމްޑީއެންގެ ރިޕޯޓު އެކުލަވާލާފައިވަނީ ބޭރުގެ ފަރާތަކުން ބަޔަކަށް ފަންޑުކޮށްގެން ރާއްޖޭގެ އިސްލާމީ އަގީދާ ނެތިކޮށްލަން ކަމަށް އިސްލާމިކް މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވާކަމަށެވެ. އެހެންވެ އެކަމުގެ ހަގީގަތް ބަލައި ފުރިހަމަ ތަހުގީގެއް ހިންގައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ދެކޭ ކަމަށެވެ.

އަދި އެމްޑީއެންގެ ރިޕޯޓުގައި ހުރި ވާހަކަތަކަށް އިންކާރު ކުރަމުން ގެންދާ އެއްވެސް ފަރާތަކަށް ފިޔަވަޅު ނޭޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ޝަހީމު ވަނީ ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްލާމީ އަގީދާއާއި ކީރިތި ރަސޫލާގެ ޝަހުސިއްޔަތަށް ބަދުބަސް ރައްދުކުރެވޭއިރު އެކަމަށް އިންކާރުކުރެވެންޖެހޭނެއެވެ. އަދި އެއީ މުސްލިމުންގެ ވާޖިބެކެވެ.

''ރިޕޯޓު އެކުލަވާލާފައިވަނީ ބޭރުގެ ފަރާތަކުން ބަޔަކަށް ފަންޑުކޮށްގެން ރާއްޖޭގެ އިސްލާމީ އަގީދާ ނެތިކޮށްލަން ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވާއިރު، އެކަމުގެ ހަގީގަތް ބަލައި ފުރިހަމަ ތަހުގީގެއް ހިންގައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމުގައި ދެކެމެވެ.'' ޝަހީމު ވިދާޅުވިއެވެ.

އަދި އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އެމްޑީއެން އިން ނެރެފައިވާ ރިޕޯޓާ ގުޅިގެން އިލްމުވެރިން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަށް ފުރިހަމައަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެ ޝަހީމު އިތުރަށް ވިދާޅުވީ، އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ލިބުނު ނަމަވެސް ރާއްޖެއިން ބޭރުގައި ހުންނެވުމުން ބައިވެރިވެވޭ ގޮތް ނުވީ ކަމަށެވެ.

ޝަހީމު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ހިޔާލުފާޅުކުރުމާއި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ އުސޫލުތައް ރާއްޖޭގައި ކުރިއެރުވުމަކީ އެކަންކަމަށް ހުރިހާ ރައްޔިތުން ތާއީދު ކުރާ ކަންކަމެވެ. އަދި ރައްޔިތުން މަދަނީ ޖަމިއްޔާތަކުގެ މަސައްކަތްތަކުގެ އަގުވަޒަން ކުރާ ކަމަށާއި މަދަނީ ޖަމްއިއްޔާތަކުން ރާއްޖޭގައި ހިދުމަތްކުރަމުންދަނީ އެއްވެސް ހުރަހެއް ނެތި ކަމަށެވެ. އެއިގެ ތެރޭގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ރާއްޖެއާއި ރާއްޖެއިންބޭރުގެ ޖަމިއްޔާތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

''ދިވެހިރާއްޖެއަކީ މުސްލިމު މުޖުތަމަޢަކަށްވީ ހިނދު، އިސްލާމްދީނުގެ އަގީދާއާ ހިލާފު ވާހަކަތައް ރާއްޖޭގައި ފެތުރުމާއި ރަސޫލުންނަށް ބަދު ބަސް ބުނުމާއި މުއުޖިޒާތްތަކަށް އިންކާރުކުރުމާއި މިއީ ހިޔާލު ތަފާތު މައްސަލަތަކެއް ނޫނެވެ. އިސްލާމްދީނަށް ތައުހީނު ކުރުމާއި ފުރައްސާރަކުރުމަކީ ދިވެހި ރާއްޖޭގެ ގާނޫނުތަކުން ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަމެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމަކީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އިސްލާމްދީނާ ގުޅުން ހުރި ރާއްޖޭގެ ދާހިލީ ކަންކަމުގައި ބޭރުގެ އެކި އެކި ޖަމާއަތްތަކުގެ ނުފޫޒަށް ބެލުމެއްނެތި ރާއްޖޭގެ ގާނޫނު އަސާސީއާއި އިސްލާމްދީނުގެ އަސާސްތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ހެދިފައިވާ އެންމެހާ ގާނޫނުތައް ނަގަހައްޓައި ތަންފީޒުކުރުމަށް އިލްތިމާސްކުރަމެވެ.'' ޝަހީމު ވިދާޅުވިއެވެ.

އަދި ގާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އަމިއްލަ ވެރިކަންކުރާ އިސްލާމީ އުސޫލުތަކުގެ މައްޗަށް ގާއިމިވެފައިވާ ދައުލަތެއް ކަމަށް ވީ ހިނދު، ދިވެހި ދައުލަތުން މި އުސޫލު ދަމަހައްޓައި ނަގަހައްޓަންޖެހޭނެ ކަމަށްވެސް ޝަހީމު ވިދާޅުވިއެވެ.

ރިޕޯޓްގެ މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށާއި އެއީ ދައުލަތުން ކުރަންޖެހޭނެކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެއްވެސް އެހެން އަމިއްލަ ފަރާތަކުން ނުވަތަ އާއްމު ފަރުދުން، އެރިޕޯޓު އެކުލަވާލި ފަރާތްތަކަށް ބިރު ދައްކައި އިންޒާރުދީ ގޯނާކޮށް ހަޑިހުތުރު އެއްޗެހި ގޮވައި ހެދުމަކީ ރަނގަޅު ގޮތެއް ނޫންކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އިސްލާމްދީނުގައިވާ ރިވެތި އަހުލަގާއި އުސޫލުތަކުގެ ދަށުން ސުލްހަވެރިކަމާއި ހިކުމަތްތެރިކަމާއެކު ރިވެތި ވައުޒާއި އިރުޝާދުން އިސްލާމްދީނުގެ ދައުވަތު ނެގެހެއްޓުމަށާއި ހަރުކަށި ނޭއްގާނީ އެއްވެސް ކަންކަމަށް ފުރުސަތު ނުދީ އެންމެން ގުޅިގެން ގައުމާއި ދީނުގެ ހިދުމަތުގައި ތިބުމަށް އަޒުމް އާކުރަން އިލްމުވެރިންނާއި ޒުވާނުންނާއި ރައްޔިތުންނަށް އޭނާ އިލްތިމާސްކުރެއްވިއެވެ.