ސަރުކާރުން އެކުލަވައިލި ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ހިމެނޭ ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުމުގެ ޕްރޮޖެކްތްގެ ދަށުން ރަށްރަށުގައި ހުރި ފަޅު ގޯތިތަކުގައި މީހުން ދިރިއުޅެން ގެ އަޅައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
އެސްއޭޕީގައި ހިމެނޭ ކަންތައްތަކާބެހޭގޮތުން މީޑިއާ އާ ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ މިއަދު ވިދާޅުވީ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އެކި މޮޑެލްތައް ހިމެނޭ ކަމަށެވެ.
އޭގެ ތެރެއިން އެއް މޮޑެލް އަކީ ސަރުކާރުގެ ހުށަހެޅުންތަކާ އެއްބަސްވާ ފަރާތްތަކަށް ރަށް ރަށުގެ ފަޅު ގޯތިތަކުގައި ގެ އަޅައިދިނުން ކަމަށެވެ. އޭގެ އިތުރުން ގެދޮރު އެޅުމުގެ ތަނަވަސްކަންނެތް މީހުންނަށް އެކަމަށްޓަކައި ހާއްސަ ލޯނެއް ދޫކުރާ ގޮތަށްވެސް ޕްލޭންގެ ދަށުން ވަނީ ހަމަޖައްސައިފައެވެ.
ޝައުނާ ވިދާޅުވީ އެއީ ދިގު މުއްދަތަށް ހަ ޕަސެންޓްގައި ދޫކުރާ ލޯނެއް ކަމަށެވެ.
ބޯހިޔާ ވަހިކަމަށް އެސްއޭޕީގައި ހިމެނޭ ތިން ވަނަ މޮޑެލް އަކީ އާއްމު ގޮތެއްގައި މިހާރުވެސް ކުރިއަށްގެންދާ ފުލެޓް މަޝްރޫއެވެ. އެއީ އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އިން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.
އެސްއޭޕީގައި ހިމެނޭ ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ޕްލޭންގައި، ފުދުންތެރިކަމުގެ ގޮތުން އެންމެ ދަށް ފަންތިއަށް އަމާޒުކޮށްގެން އަގަކާ ނުލައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް ޝައުނާ ވިދާޅުވީ އެގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނީ ކަނޑައެޅޭ ވަކި މުއްދަތަކަށް، އެ ފަރާތްތަކަށް މާލީ ތަނަވަސްކަން ލިބެންދެން ކަމަށެވެ. އަދި އެ ފަދަ ފަރާތްތަކަށް ވަޒީފާ ހޯދައިދީގެން މާލީ ތަނަވަސްކަން ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ އެންމެ ނިކަމެތި ނުވަތަ ފުދުންތެރިކަމުގެ އެންމެ ދަށްފަންތި ކަނޑައެޅުމަށް ކުރަންޖެހޭ ދިރާސާތައް ކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ ބޯހިޔާ ވަހިކަމުގެ މަޝްރޫރުގައި ފަސް އަހަރުގެ ދައުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 20،000 ގެދޮރު ގާއިމް ކުރުމަށް ހަމަޖެހިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ އެކަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމިގެންދާއިރު ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެ ކަމަށެވެ.