އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމްތަކާބެހޭ އެއްވެސް މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުބެލޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ސްޕްރީމް ކޯޓުން ނިންމާ ބައެއް ހުކުމްތައް ޖޭއެސްސީން ބަލަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ނެރުއްވި ނޫސްބަޔާނެއްގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅި ބަޔާން ވެފައި އޮންނަ އޮތުމަށް ބަލައި ރިއާޔަތް ކުރުމުން، ސުޕްރީމް ކޯޓުން ގޮތެއް ނިންމާ އެއްވެސް މައްސަލައެއްގައި އެ ނިންމުމަށް ގޮންޖަހައި ތައުނު ކުރުމާއި، ސުޕްރީމް ކޯޓުގެ ނިންމުމަށް ތަބައަ ނުވުމުގެ އިތުރުން އެ ނިންމުމަށް އިހްތިރާމް ނުކޮށް ކޯޓުގެ ހުރުމަތް ކެނޑުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
އުއްތަމަ ފަނޑީޔާރު މިހެން ވިދާޅުވެފައިވާއިރު، ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ހިލާފު ނިންމުންތަކެއް ނިންމާފައިވާ ކަމަށްބުނާ މައްސަލައަކާ ގުޅިގެން، އެކަމާބެހޭ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ
އުއްތަމަ ފަނޑީޔާރުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުން ނިންމުންތައް ނިންމާފައިވާ ފަނޑިޔާރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވައި އެ ނިންމުން ނިންމި ކަމަށްޓަކައި ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތްކުރުމާއި، ސުޕްރީމް ކޯޓުގެ ނިންމުމުގެ ދުސްތޫރީ ނުވަތަ ޤާނޫނީ ސައްހަކަމާމެދު ގޮތްނިންމަން ދައުލަތުގެ އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ޣައިރު ދުސްތޫރީއަމަލުތަކެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ފަނޑިޔާރަކު ވަކި ގޮތަކަށް އިޖްތިހާދު ކޮށް، ވަކި ރައުޔެއް ނެރެ، ވަކި ނިންމުމެއް ނިންމާފައި އޮތުމަކީ އޭގެ ޒާތުގައި ސުލޫކީ މައްސަލައެއް ކަމަށް ބެލުމަކީ ޝަރުއީ، ޤާނޫނީ އެއްވެސް ހަމަޔަކުން، އަދި އެއްވެސް އުސޫލަކުން، ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެފަދަ އަމަލުތަކަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ކަނޑުވާލައި، އެ ބާރުގެ މިނިވަންކަމާއި މުސްތަގިއްލުކަން ނިގުޅައިގަތުމުގެ އިތުރުން ވަކި ބައެއްގެ ބާރާއި ނުފޫޒާއި ކޮންޓްރޯލުގެ ދަށަށް ރާއްޖޭގެ ކޯޓުތައް ގެންގޮސް، ފަނޑިޔާރުންނަށް ބިރު ދައްކައިގެން ފަނޑިޔާރުން ވަކި ބައެއްގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސް، ދިވެހި ދައުލަތުގެ އަދުލުއިންސާފު ގާއިމް ކުރުމުގެ ނިޒާމުގެ މިނިވަންކަން ގެއްލުވައިލުންކަމަށެވެ.
އަދި ކޯޓަކުން ނިންމާ އެއްވެސް ނިންމުމެއްގެ ބާރު ކެނޑޭ ގޮތަށް، ނުވަތަ އެ ނިންމުމެއް ބަދަލުކުރަން ދައުލަތުގެ އެހެން ބާރުތަކުން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަން ބައިނަލްއަގްވާމީ މުއާހަދާ ތަކާއި ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ނިންމާފައިވާ މައްސަލައެއްގައި ވެސް އޮތްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައި ވެސް، ފަނޑިޔާރަކު ކުރާ ހުކުމެއް ނުވަތަ ނެރޭ އަމުރަކާ ގުޅިގެން އެ ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުން މަނާކުރާކަން އެ ބަޔާނުގައި ވެއެވެ.
އަދި ޖޭއެސްސީއން މިހާރު ހިންގާ އަމަލަކީ ދައުލަތުގެ ނިޒާމް ހަލާކުވެގެންދާނެ ކަމަކަށްވާތީ އެކަން ހުއްޓުވައިދިނުމަށް އުއްތަމަ ފަނޑިޔާރު ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފައެވެ.