މާލެ ފިޔަވައި އެހެން ރަށްރަށުގައި ގުދަން ކުރުމަށް ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރަން ފަށައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ހިނގި ދެ އަލިފާނުގެ ހާދިސާއާ ގުޅިގެން ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ ދޫކުރުން ވަގުތީގޮތުން ވަނީ ހުއްޓާލައިފައެވެ.
ނަމަވެސް އެމްއެންޑީއެފް އިން މިއަދު ބުނީ ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރަން ފަށައިފާފައިވާ ކަމަށާއި، އެއީ ހަމައެކަނި މާލެ ނޫން އެހެން ރަށްރަށުގައި ގުދަން ކުރާ ގޮތަށް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަން ކުރުމުގެ ގަވައިދެއް އެކުލަވާލައި ޝާއިއުކޮށްފައިވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ނުރައްކާތެރި ކެމިކަލް އެތެރެކުރުމަށް ހުއްދަދެވޭނީ އެ ގަވާއިދުގައި ވާ ގޮތުގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ހާއްސަ އިންތިޒާމް ހަމަޖައްސައިގެން، އެތެރެ ކުރާ ކެމިކަލްތައް މާލެ ފިޔަވާ އެހެން ރަށްރަށުގައި ގުދަން ކުރާ ގޮތަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މިދިޔަ މަހު މާލޭގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގާފައިވާއިރު މި ދެ ހާދިސާއަކީވެސް ނުރައްކާތެރި ކެމިކަލާއި ގުޅުން ހުރި ދެހާދިސާއެވެ.
އެގޮތުން މިދިޔަ މަހު 20 ވަނަ ދުވަހު މާލޭގައު އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ.
މި ނުރައްކާތެރި ހާދިސާގައި އެކަކު މަރުވެ، އެތައް އާއިލާއެއް ހާލުގައި ޖެހުނެވެ.
މިދިޔަ މަހުގެ 30 ގައި ޓީ-ޖެޓީ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ތެޔޮ ބައުޒަރެއްގައި ރޯވެގެންނެވެ. މިހާދިސާގައި ފަސް މީހަކަށް އަލިފާނުގެ އަސަރުކޮށްފައިވެއެވެ.