ޚަބަރު

ދީނަށް ފުރައްސާރަ ކުރިއަކަ ނުދޭނަން، ދީނުގެ ނަމުގައި ފަސާދަ ކުރުމުގެ ފުރުސަތުވެސް ނުދޭނަން: ރައީސް

މަރިޔަމް ޝަހުދާ

އިސްލާމް ދީނަށް ފުރައްސާރަ ކޮށް ކީރިތި ރަސޫލާއަށް ހަޖޫ ޖެހުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އަދި އިސްލާމް ދީނުގެ ނަމުގައި ފަސާދަ ކުރުމަށްވެސް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު، ދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ދ.ހުޅުދެއްޔަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިނިވަންކަން ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އަދި އެ މިނިވަން ކަމަށް ހުރަހެއް ނާޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގައި ހަމަނުޖެހުމަކަށް ގޮވާނަމަ އެކަމެއް ހުއްޓުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނާނެ ހަމައެކަނި ދީނަކީ އިސްލާމްދީންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އިސްލާމް ދީނަށް ގޮންޖަހާ ކީރިތި ރަސޫލާއަށް މަލާމާތް ކުރުމަށާއި ބަދުބަސް ބުނުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދީނުގެ ނަމުގައި ރާއްޖޭގައި ފިތުނަ ފަސާދަ އުފެއްދުމުގެ ޖާގަވެސް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

''ރާއްޖޭގައި އޮންނާނީ އިސްލާމް ދީން. އިސްލާމް ދީނަށް ގޮންޖަހާ އެއަށް ބަދުބަސް ބުނެ، ރަސޫލާއަށް މަލާމާތްކުރުމަކީ ފުރުސަތު ދޭނެ ކަމެއް ނޫން. ހަމައެއާއެކު އިސްލާމް ދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި އެއްވެސް ކަމެއް ކުރުމަށް ޖާގައެއް ނުދޭނަން.''

އެމަނިކުފާނު ވަނީ މިމަހު ފާސްކުރި ޓެޓަރިޒަމް މަނާ ކުރުމުގެ ގާނޫނާއި ގުޅޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ވިދާޅުވީ އެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ބޭނުމަކީ ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނަގާލުން ނޫންކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް ވިސްނަނީ ރާއްޖޭގައި ހަމަޖެހުމާއި އިންސާފު ގާއިމް ކުރުމަށް ކަމަށާއި، ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިއްމު ކަމަކީ ހަމަޖެހުންކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުދެލި ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވަނީ ދިވެހިން އެކި ހަނގުރާމަތަކަށް ދިއުމާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ.

ރައީސް ވިދާޅުވީ އެއްވެސް ދިވެއްސެއް ހަނގުރާމައަށް ސީރިއާއަށް ދާން ނުޖެހޭކަމަށެވެ. އަދި ސީރިއާ އާއި އަފްޣާނިސްތާނުގައި ކުރާ ހަނގުރާމަ ތަކަކީ ދުނިޔެ ބަލައިނުގަންނަ، ޓެރަރިސްޓު ހަނގުރާމަ ތަކެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވުމަކީ ކުރަން ޖެހޭ ކަމެއް ނޫންކަމަށެވެ. އަދި އެހަނގުރާމަ ތަކަށް ހިތްވަރުދީ، ހަނގުރާމައަށް ދިވެހިން ދިއުމަށް ހިތްވަރުދޭ ފަރާތްތައް ހޯދައި އެކަން ހުއްޓުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެ ހަނގުރާމަ ތަކުގައި ދިވެހިން ބައިވެރިވިޔަ ނުދިނުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާ ކަމެއް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ސުލްހަ އާއި އަމާންކަން ދެމެހެއްޓުމަށް އެއިރަކު އޮންނަ ސަރުކާރަކުން އަދާކުރަން ޖެހޭ ޒިންމާއެއްކަމަށެވެ.

ރައީސް ސޯލިހު ހުޅުދެއްޔައް ވަޑައިގެންނެވީ މިއަދު މެންދުރުއެވެ.

ދ އަތޮޅަށް އެމަނިކުފާނު މިކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ކުޑަހުވަދޫއަށް ޒިޔާރަތް ކުރެއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ.