ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އެމަގާމުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފަށައިފިއެެވެ.
އެކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބިޝާމް ޕީޖީގެ މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިން ތާއީދު ކުރެއްވި މި އިސްލާހު ކޮމިޓީން ފާސްކޮށްފައިވަނީ، ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ ބޭފުޅަކު މަގާމުން ވަކިކުރާނަމަ، މަޖިލީހުުގެ ރައީސް އެކަން މަޖިލީހަށް އިއުލާން ކުރައްވަން ޖެހެއެވެ.
އެގޮތުން ސިވިލް ސާވިސް ކޮމިޝަނުގެ ނައިބުރައީސް ޝަހީދު މުހައްމަދު އެ ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ކުރާކަން، މަޖިލީހުގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވިއެވެ. އެއަށްފަހު އެމަސައްކަތް ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވެވިއެވެ.
އެހެންކަމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އެމަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަން މަޖިލީހުގެ ރައީސް މަޖިލީހަށް އިއުލާން ކުރެއްވުމަށްފަހު އިތުރު ބަހުސަކާ ނުލައި ކަމާބެހޭ ކޮމިޓީއަށް އެ މަސައްކަތް ކުރިއަށް ގެންދެވުމަށް އަންގަވާނެ އެވެ.