ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ތައިލެންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޑޮން ޕްރަމުދްވިނާއީއާ ބައްދަލު ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލު ކުރެއްވުމުގައި އެކި ދާއިރާތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އެގޮތުން ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި ދެގައުމުގެ ސިޔާސީ ގުޅުމަށް 40 އަހަރު ފުރުމާ ގުޅިގެން އެކަމުގެ ތަހުނިޔާ ވިދާޅުވެ، ވިސާ އާއި ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރުމުގެ މަގު އެގައުމުން ފަހިކޮށްދެއްވާފައިވާތީ ތައިލެންޑްގެ ހާރިޖީ ވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި ވިސާ އެގްރިމެންޓްގެ ދަށުން ދެގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ލިބިގެންދާ ފަސޭހަތަކާއި ވަކިން ހާއްސަކޮށް ބޭސްފަރުވާއަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދާ ފަސޭހަތައް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ދިވެހިރާއްޖެ އާއި ތައިލެންޑާ ދެމެދު ވައިގެ ދަތުރުފަތުރު އިތުރުކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ، ތައިލެންޑުގެ ބެންކޮކް އެއާވޭސްއިން އަންނަ އަހަރުން ފެށިގެން ދުވާލަކު ދެ ފްލައިޓް މާލެ އާއި ބެންކޮކާ ދެމެދު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި މީގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ތައިލެންޑްގެ ފޮރިން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ދެގައުމު ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ ސިންހާ ގްރޫޕުން ރާއްޖޭގައި އިންވެސްޓް ކޮށްފައިވާއިރު، އޭގެ ސަބަބުން ތައިލެންޑްގެ އިތުރު ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.