ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންނަ ހުކުރު ދުވަހު ޖަޕާނަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު، އިބްރާހީމް ހޫދު މިއަދު ވިދާޅުވީ ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ، ޖަޕާނުގެ އެމްޕެރާގެ އެންތްރޯންމެންޓް (އެމްޕެރާ ތަޚުތަށް އިސްކުރުމުގެ ރަސްމިްޔާތު)ގައި ބައިވެރިވަޑައިގަތުމަށް ދެއްވާފައިވާ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ޖަޕާނުގެ ބޮޑު ވަޒީރު ދެއްވާ ހާއްސަ ފަރީއްކޮޅެއްގައި، ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ބައިވެރިވަޑައިގަންނަވާނެ ކަމަށާއި ބޮޑު ވަޒީރާ އެކު ރަސްމީ ބައްދަލުވުމެއް ވެސް ބާއްވަވާނެ ކަމަށް ހޫދު ވިދާޅުވި އެވެ. ބޮޑު ވަޒީރާ އެކު ރައީސް ސޯލިހު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ރާއްޖަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭ ގޮތުން ރައީސް ސޯލިހު މަޝްވަރާ ކުރައްވާނެ އެވެ.
ހޫދު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި، ޖަޕާނުން ބޭރު ގައުމުތަކަށް އެހިދޭ ރަސްމީ އެޖެންސީ ކަމަށްވާ، ޖައިކާގެ އިސް ވެރިންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
މި މަހުގެ 24 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ޖަޕާނުގައި ކުރިޔަށްދާ، "ޖަޕާން ޓުއަރިޒަމް އެކްސްޕޯ" ގައި ހުންނަ ދިވެހިރާއްޖޭގެ ސްޓޯލު ރައީސް ސޯލިހު ރަސްމީކޮށް ހުޅުއްވައިދެއްވާނެ ކަމަށާއި އެ އެކްސްޕޯގައި ރައީސް ވާހަކަފުޅުދައްކަވަން ވެސް ހަމަޖައްސާފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ޖަޕާނުގެ އޮޑަވާރަ އަށަ ޒިޔާރަތް ކުރައްވަން ނިންމަވާފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ. އޮޑަވާރަ އަކީ އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިން ތިބެން ހަމަޖައްސާފައިވާ ސިޓީ އެވެ.
މި ދަތުރުފުޅުގައި، ރައީސް ސޯލިހު ޖަޕާނުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވަން ވެސް ވަނީ ނިންމަވައިފަ އެވެ. ޖަޕާނުގައި 75 އާއި 100 އާ ދެމެދުގެ އަދަދަކަށް ދިވެހީން ދިރިއުޅެއެވެ. ޖަޕާން މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްސް ލީގުގެ، މަޖިލިސް ބައެއް މެންބަރުންނާ ވެސް މި ދަތުރުފުޅުގައި ރައީސް ސޯލިހު ބައްދަލުކުރައްވާނެ ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވި އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ޖަޕާނަށް ވަޑައިގަންނަވާ އިރު އެ ގައުމަކީ ފާއިތުވި 40 ވަރަކަށް އަހަރު ތެރޭ ރާއްޖެއަށް އެންމެ ގިނައިން އެހީތެރިވެދީފައިވާ އެއް ގައުމެވެ. އޭގެން ވެސް ފާހަގަކޮށްލެވޭ ބޮޑެތި ބައެއް ކަންތައް ތަކުގެ ތެރޭގައި މާލެ ވަށާ ބޮޑުހިލަ ޖެހުމާއި ކަލާފާނު އަދި ޣިޔާސުއްދީން ސްކޫލު އިމާރާތް ކުރުން ހިމެނެ އެވެ. މީގެ އިތުރުން ކަރަންޓާއި ޝޯލާގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން ކާބޯތަކެތީގެ އެހީތެރިކަން ވެސް ޖަޕާނުން އަންނަނީ ފޯރުކޮށްދެމުންނެވެ.