ޚަބަރު

މާލެ އާއި ރަށްރަށުން ފްލެޓް ދޫކުރުމާގުޅޭގޮތުން ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފި

އިބްރާހިމް ޒަކީ

ރާއްޖޭގެ ރައްޔިތުންނަށް މާލެ އާއި ރަށްރަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު އެމަޖިލީހަށް ބަލައިގެންފިއެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި މި ގަރާރު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

ބިލު މަޖިލީހަށް ބަލައިގަތުމު ދިރާސާކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ފޮނުވިކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވިއެވެ.

މިއީ ދިރިއުޅުން އެއްތަނުން އަނެއްތަނަށް ބަދަލުކުރާ ފަރާތްތަކަށް މާލެ އާއި ރަށްރަށުން ފުލެޓް ދޫކުރުމުގެ މަސައްކަތް ހަލުވި ކުރުމާގުޅޭގޮތުން، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިލްތިމާސްކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ގަރާރެކެވެ.

މި ގަރާރުގައިވަނީ، ހައުސިން ނީޑްސް އަށް ބިނާކޮށް ބޯހިޔާވަހިކަން ފޯރުވައި ދިނުމުގެ މަޝްރޫއުތައް އަވަސް ކުރުމަށާއި، ބިން ދަތިވެ އަދި ބިން ހިއްކޭނެ ފަޅުތައް ނެތް ރަށްރަށުގައި އެ ރަށްރަށާ ގާތުގައިވާ އެހެން ރަށަކާއި ގުޅުވާލައި ބިން ބޮޑު ކުރުމުގެ މަސައްކަތް ހިންގޭނެ އުސޫލުތައް ކަނޑައެޅމަށް ގޮވާލައިފައެވެ.

އަދި ދިރިއުޅޭނެ ތަންނެތް ނުވަތަ އާއިލާތަކަށް ދިރިނޫޅެވޭވަރުގެ ކުދިކުދި ތަންތަން ކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އެކަށީގެންވާ ވަރުގެ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ އުސޫލުތައް ކަނޑައެޅުމަށާއި، މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކާއި ތަފާތެއް ނެތި ބޯހިޔާވަހިކަން ބިނާކުރާނެ ތަނަވަސްކަންނެތް ފަރާތްތަކަށް ދިގު މުއްދަތުން ދައްކާގޮތަށް ލުލި ލޯނު ހަމަޖައްސައި ދިނުން އަވަސް ކުރުމަށްވެސް ވަނީ ގޮވާލައިފައެވެ.