ބިދޭސީއެއްގެ ވޮލެޓް ފޭރިގެން މައްސަލައިގައި ރޭ ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ބިދޭސީއެއްގެ ވޮލެޓް ފޭރިގެން ކަމުގެ ތުހުމަތުގައި ރޭ 19:00 ހާއިރު ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލެ ގަލޮޅު ދަނޑު ކައިރިން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 29 އަހަރާއި 30 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށާއި، ވޮލެޓް ފޭރިގެންފައިވަނީ މަޖީދީމަގު އޮޑިއޯން ކައިރީ ބިދޭސީ މީހާ ހުއްޓައި، ސައިކަލުގައި މި ދެމީހުން ދަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައިގައި ފޭރިގެން ވޮލެޓް ފުލުހުން މިހާރު ވަނީ ހޯދާފައި ކަމަށައި، ވޮލެޓް ފެނުނީ މުތީ ގޯޅި ކާނުގަނު ތެރެއިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި 30 އަހަރުގެ މީހާ ބަލައި ފާސްކުރިއިރު، އެމީހާގެ އަތުން މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ތަހުގީގުގެ ބޭނުމަށް އެ ދެމީހުން ދުއްވި ސައިކަލު ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.