ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ދ. ކުޑަހުވަދޫއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ ދ. އަތޮޅު ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަންޔޫބިލް ހަރަކާތް ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނު، އިބްރާހީމް ހޫދު މިއަދު "ވަން އޮންލައިން" އަށް ވިދާޅުވީ މިރޭ 8:30 ގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި އޮންނަ އެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަން ހަމަޖައްސަވާފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ސޯލިހު އެ އަތޮޅުގެ އަތޮޅު ކައުންސިލާއި ރަށްރަށުގެ ކަންސިލްތަކާއި މުއައްސަސާތަކުގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ހޫދު ވިދާޅުވި އެވެ. އަދި މި ދަތުރުފުޅު ނިންމަވާލައްވާފައި ރައީސް މާލެއަށް އެނބުރު ވަޑައިގަތުމަށް ހަމަޖައްސަވާފައި ވަނީ މާދަމާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.