ތައިލޭންޑްގައި ހުންނަ ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ތައިލޭންޑުގައި ހުންނަ ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުއްވައި ދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ތައިލެންޑް އެމްބަސީން މިއަދު ކުރި ޓުވީޓެއްގައި ބުނި ގޮތުގައި އެގައުމުގައި މިއަދު ދިވެހި އެމްބަސީއެއް ހުޅުވިގެން ދިއުމަކީ ދެގައުމު ދެމެދުގައިވާ ގުޅުމަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އަދި ކުރިއަށް އޮތްތާގައި މިހާރަށް ވުރެ ދެގައުމުގެ އެކުވެރިކަން ބަދަހިވެ އެކުގައި މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ތައިލެންޑް އެމްބަސީން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖެއާއި ތައިލެންޑާ ދެމެދުގައިވާ ގުޅުން އެކި ދާއިރާއިން ބަދަހިވަމުން އަންނަ ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓް، ސައިންސާއި ޓެކްނޮލޮޖީ، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާ، ތައުލީމީ ދާއިރާ އަދި ސަގާފަތާއި ފަތުރުވެރިކަމުން ކުރިއަށްވުރެ ދެގައުމުގެ ގުޅުން ބަދަހިވެފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިއަދު ހުޅުވި އެމްބަސީގެ ސަބަބުން ތައިލެންޑްގައި ހުންނަ ރާއްޖޭގެ ކޮންސިއުލާ އިން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ވެގެންދާނެއެވެ. އެގޮތުން ތައިލޭންޑަށް ދަތުރު ކުރާ ދިވެހިންނާއި، އެ ކޮޅުގައި އުޅޭ ދިވެހިންގެ އަދަދު ކުރިއަށް ވުރެ ގިނަވެފައިވާއިރު، އެ އެންމެނަށް ކޮންސިއުލާ އާއި ރާއްޖޭގެ އަލަށް ހުޅުވުނު އެމްބަސީން ހިދުމަތް ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ތައިލެންޑުގައި ރާއްޖޭގެ އެމްބަސީ ހުޅުވިގެން ދިޔަ ކަމީ ރާއްޖެއިން ބޭރުގެ ގައުމުތަކާ އޮންނަ ގުޅުން ކުރިއަށް ވުރެ ވަރުގަދަވެފައިވާ ކަމުގެ ހެއްކެއް ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.